ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެދި، ވަޒީފާ ދޭ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތައް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މުރާޖަޢާކޮށްފިއެވެ.
އެވުޒާރާއިން ވިދާޅުވީ ފޯމްތައް މުރާޖާޢާކޮށްފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންކަމަށެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެދި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތައް ދާޚިލީ ވުޒާރާއިން މުރާޖަޢާކޮށް ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ދެނެގަނެވޭގޮތަށް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން މިގެނެވުނު ބަދަލުތަކަކީ ބިދޭސީންގެ އެކިއެކި ޚިދުމަތްތަކާ ގުޅިގެން ހުށަހަޅާ ފޯމުތައް ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ވާނެގޮތަށް ވަކިކޮށް އެފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި އެފޯމުތަކުގައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ގެނެވުނު ބަދަލުތަކެއްކަމަށް ދާޚިލީ ވުޒާރާއިން ވިދާޅުވެފައެވެ.
އެގޮތުނ،ް ބިދޭސީން މަސައްކަތްކުރާ ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައ،ި މަސައްކަތުގެ ބާވަތައް ބަލައި 5 ބާވަތެއްގެ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ބަދަލުގެނެސްފައެވެ.
* ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް (ކޮންސްޓްރަކްޝަން) ފޯމް
* ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް ފޯމް
* ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ބިމެއް/އިމާރާތެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު
* ކުއްޔަށް ނަގާފައިވާ ބިމެއް/ އިމާރާތެއް/އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު
* އިންސްޓޯލްމަންޓަށް ނަގާފައިވާ އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު
ދާޚިލީ ވުޒާރާއިން ވަނީ ބިދޭސީ މަސައްކަތްތެރީން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ވަރކް ސައިޓް ޑިކްލަރޭޝަން ފޯމަށްވެސް ބަދަލުގެނެސްފައެވެ. އަދި އަންނަ މަހުން ފެށިގެން ބިދޭސީން މަސައްކަތްކުރާ ވޯކް ސައިޓް ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅަންވާނީ ބަދަލުގެނެވިފައިވާ ފޯމުތައް ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.
ދާޚިލީ ވުޒާރާއިން ވަނީ އެކްސްޕެޓް ސިސްޓަމްގައި މުއާމަލާތް ކުރުމަށް 'ރެޕްރެޒެންޓޭޓިވް'އެއް އައްޔަން ކުރުމަށް ނުވަތަ ވަކިކުރުމަށް އެދި ހުށަހަޅާ ފޯމުތަކަށްވެސް ބަދަލުގެނެސްފައެވެ. އެގޮތުން އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން، އެ ފަރާތުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތް ކުރުމަށް ރެޕްރެޒެންޓޭޓިވްއެއް އައްޔަން ކުރުމަށް ނުވަތަ ވަކިކުރުމަށް އެދި މިމަހުގެ 16އިން ފެށިގެން ހުށަހަޅަން ވާނީ ބަދަލުގެނެވިފައިވާ ފޯމު ފުރިހަމަކުރުމަށް ފަހު ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.
އެފޯމްތައް ފުރިހަމަނުކޮށް ހުށަހަޅާފައިވާނަމަ ބަލާނީ އެޕްލިކޭޝަން ފުރިހަމަނުވާކަމަށް ކަމަށް ދާޚިލީ ވުޒާރާއިން ވިދާޅުވެއެވެ.