ޚަބަރު

މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 3 މީހަކަށް ފަރުވާ ދެނީ


  • އަނިޔާވި 3 މީހުންނަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުން

މާލޭގައި މިރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 3 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މާފަންނު ބަސް ޓަރމިނަލް ކައިރީ މިރޭ 18:29 ހާއިރު 2 ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. މިއެކްސިޑެންޓްގައި ދިވެހި ފިރިހެނަކަށާއި، ބިދޭސީ 2 ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާދިނުމަށް ގެންގޮސްފައިވާކަމަށެވެ.
އައިޖީއެމްއެޗުން ވިދާޅުވީ މިމީހުންނަށް އިމަރޖެންސީގައި ފަރުވާދެމުން އަންނަކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ދެއްވާފައެއް ނުވެއެވެ.

މިފަހަކަށް އައިސް މާލެއާއި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން ދާދިފަހުން ހިނގި ދެ އެކްސިޑެންޓެއްގައި 2 ޒުވާނަކުވަނީ ނިޔާވެފައެވެ. ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ބާރު ސްޕީޑްގައި ނުދުއްވުމަށާއި ޤަވާއިދާ އެއްގޮތަށް އެއްގަމު އުޅަނދު ދުއްވުމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. އަދި މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ސަރުކާރުން ދާދިފަހުން ވަނީ ހަރުކަށި ފިޔަވަޅުޔަަކެއް އެޅުމަށްވެސް ނިންމަވާފައެވެ.