ޚަބަރު

ސައިކަލުގައި ޓެކްސީކުރުން މުޅި ރާއްޖެއަށް ހުޅުވާލަނީ


ސައިކަލުގައި ޓެކްސީ ކުރުމުގެ ހުއްދަދޭއިރު މުޅި ރާއްޖެއަށް ޚިދުމަތް ދިނުމަށް ހުޅުވާލައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މީޑިއާ އޮފިސަރ ޢަލީ ވަޙީދު ވިދާޅުވީ މި ޚިދުމަތް ފަށާނީ ހަމައެކަނި މާލެ ސަރަހައްދަށް ޚާއްސަކޮށްގެން ނޫން ކަމަށެވެ. ލ އަތޮޅާއި އައްޑު އަތޮޅުފަދަ ބޮޑެތި އަތޮޅުތަކަކީ މިފަދަ ޚިދުމަތެއް ފުޅާދާއިރާއެއްގައި ދެވިދާނެ ސަރަހައްދުތައްކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ޚިދުމަތް ދިނުމަށް ހުޅުވާލާނީ މުޅި ރާއްޖެއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަލީ ވަޙީދު ވިދާޅުވީ ޓެކްސީގެ ޚިދުމަތް ލިބިގަންނަ އިރު، ޚިދުމަތްދޭ ސެންޓަރާއި، ޑްރައިވަރުން ޢިޚްތިޔާރު ކުރުމުގެ ފުރުޞަތު ޚިދުމަތް ލިބިގަންނަ ފަރާތަށް ލިބިގެންދާނެކަމަށެވެ.

ސައިކަލުގައި ޓެކްސީ ކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ފަށައިގަންނައިރު ދޭނީ ދެ ފަރާތަކަށް ކަމަށާއި، އެހެން ނަމަވެސް ފަށައިގެން ކުރިއަށްދާއިރު އިތުރު ފަރާތްތަކަށް ހުއްދަ ދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މި ހުއްދަ ދެއްވާއިރު ބައްލަވާނީ ޒަމާނީ ފެންވަރަކަށް، އެކަށީގެންވާ ގޮތެއްގައި ޚިދުމަތްދެވޭ ބަޔަކަށް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ދަތުރަކަށް ދިހަ ރުފިޔާގެ ރޭޓުން މޮޓޯބައިކް ޓެކްސީ ނުވަތަ ސައިކަލުގައި ޓެކްސީ ކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. ސައިކަލުގައި ޓެކްސީ ކުރުމުގެ ޚިދުމަތް ދިނުމަކީ ދުނިޔޭގެ ނަން މަޝްހޫރު ސިޓީތަކުގައި ވަރަށް ކާމިޔާބުކަމާއެކު ދެމުން އަންނަ ޚިދުމަތެކެވެ. އެގޮތުން ލަންޑަން، ކުއަލަލަމްޕޫރު ފަދަ ސިޓީތަކުގައި ސައިކަލް ޓެކްސީގެ ޚިދުމަތް ވަރަށް ފުޅާކޮށް ދެމުންގެންދެއެވެ.