ޚަބަރު

ޗެލްސީގެ ވެރިންގެ މެދުގައި މައްސަލަތަކެއް!


އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު، ޗެލްސީގެ ވެރިންގެ މެދުގައި މައްސަލަތަކެއް ޖެހި ހިއްސާ ގަންނަން މަސައްކަތްކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗެލްސީގެ ޗެއާމަން ޓޮޑް ބޮއެލީ، އެ ކްލަބުގެ ވަގުތީ ސްޕޯޓިން ޑިރެކްޓަރުކަމުގެ މަގާމުން ދުރުވުމާއެކު، އަނެއް ހިއްސާދާރު ކްލިއަލޭކުގެ ކޯ ފައުންޑަރ ބެޣްދާދް އެގްބާލީ ވަނީ ކްލަބުގެ ގިނަ ކަންތައްތަކެއްގެ ކޮންޓްރޯލް ނަގާފައެވެ. އަދި ދެ ފަރާތުންވެސް މިހާރު މަސައްކަތް ކުރަމުންދަނީ އަނެއް ހިއްސާދާރުގެ ހިއްސާ ގަތުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ޗެލްސީން މިކަން ދޮގު ކޮށްފައިވީ ނަމަވެސް، މިހާރު މިވާހަކަވަނީ ވަރަށް ބޮޑަށް ދެކެވެން ފަށާފައެވެ.

2022 ވަނަ އަހަރު ރަޝިޔާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް އަތުން ޗެލްސީން ގަނެފައިވަނީ 2.5 ބިލިއަން ޕައުންޑުގެ އަގަކަށެވެ. އަދި މި ދެ ފަރާތުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކޮންމެ ފަސް އަހަރަކުން ކްލަބުގެ ޗެއާމަން ބަދަލުކުރަން ޖެހެއެވެ. އެހެންކަމުން މިހާރުގެ ޗެއާމަން ޓޮޑް ބޮއެލޯ 2027 ވަނަ އަހަރު އެ މަގާމުން ވަކިވާނެ އެވެ.

ކްލިއަލޭކް އިން ޗެލްސީގެ 61.5 އިންސައްތަ ހިއްސާ ގަނެފައިވާއިރު، ބޮއެލީ ކޮންޓްރޯލް ކުރަނީ 38.5 އިންސައްތަ ހިއްސާއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމެރިކާގެ މަހުޖަނު, ބޮއެލީ މިހާރު މަސައްކަތް ކުރަނީ ކްލިއަލޭކްގެ 61.5 އިންސައްތަ ހިއްސާ ގަނެ، ޗެލްސީ އަކީ %100 އޭނާގެ ކްލަބަކަށް ހެދުމަށެވެ. ނަމަވެސް މިކަމަށް ކްލިއަލޭކުން ދެކޮޅު ހަދައި، ބޮއެލީގެ ހިއްސާ ގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ރިޕޯޓްތައް ބުނެފައެވެ.

އަބްރަމޮވިޗް އާއިއެކު ޗެލްސީން ކާމިޔާބު ދުވަސްތަކެއް ހޭދަ ކޮށްފައިވާއިރު، އަލަށް ޗެލްސީއާ ހަވާލުވި މެނޭޖްމަންޓަށް ކްލަބުގެ ކަންތައްތައް އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދެވޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ސީޒަނުގައި ޗެލްސީން ވަނީ 12 ކުޅުންތެރިންގެ ސޮއި ހޯދުމަށްފަހު 200 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހޭދަކޮށް ސީނިއާ ސްކޮޑުގެ އަދަދު 42 ކުޅުންތެރިންނަށް ހަދާފައެވެ.