އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ބެލަރޫސްގެ އެރީނާ ސަބަލެންކާ ހޯދައިފިއެވެ.
މިއީ ޔޫއެސް އޯޕަން ޓެނިސް މުބާރާތް އޭނާ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިދިދަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅުނު ނަމަވެސް، އެމެރިކާގެ ކޮކޯ ގައުފް އަތުން ބަލިވުމާއެކު ސަބަލެންކާ ވަނީ އޭނާގެ ރެކެޓް ހަލާކުކޮށްފައެވެ.
ނަމަވެސް އޭގެ 12 މަސް ފަހުން އިއްޔެ މި މުބާރާތުގެ ޗެމްޕިއަންކަން 26 އަހަރުގެ ސަބަލެންކާ ހޯދާފައިވަނީ ޖެސިކާ ޕެގޫލާ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހުގައެވެ. މި މެޗުގެ ދެ ސެޓު ސަބަލެންކާ ގެންގޮސްފައިވަނީ 7-5 އަދި 7-5 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު އޭނާ ވަނީ ގްރޭންޑް ސްލޭމް ހަތަރު މުބާރާތުގެ ފައިނަލުގައި ކުޅެ ތިން މުބާރާތް ކާމިޔާބުކޮށްފައެވެ. ސަބަލެންކާ ވަނީ ޖެނުއަރީ މަހު ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.
މި މުބާރާތް ކާމިޔާބު ކުރުމަށްފަހު ސަބަލެންކާ ބުނެފައިވަނީ މިއީ ވަރަށް ދުވަސްވަންދެން އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިވަގުތު ދައްކާނެ މާގިނަ ވާހަކަތަކެއް ނޭނގޭ ކަމަށެވެ. އަދި ކާމިޔާބީ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އެކަންތައްތައް ހާސިލުވާނެ ކަމަށްވެސް ސަބަލެންކާ ވަނީ ބުނެފައެވެ.
މި މުބާރާތް ކާމިޔާބު ކުރުމާއެކު އޭނާއަށް ވަނީ ރޭންކިންގެ 2000 ޕޮއިންޓް ލިބިފައެވެ. އަދި މި މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި ސަބަލެންކާ އަށް ޓްރޮފީ އާއިއެކު 3.6 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންދާނެއެވެ.