ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ސީގައި ރޭ ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-2 ގެ ނަތީޖާއަކުން ނެދަލަންޑްސްއިން ކާމިޔާބުކޮށްފިއެވެ.
ނެދަލަންޑްސްގެ ފިލިޕްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 13 ވަނަ މިނިޓުގައި އެ ޓީމުން ވަނީ ބޮސްނިއާގެ ގޯލު ހުޅުވާލާފައެވެ. މި ލަނޑު ނެދަލަންޑްސްއަށް ކާމިޔާބު ކޮށްދީފައިވަނީ ޖޯޝުއާ ޒިކްޒީ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ނަމަވެސް މެޗުގެ 27 ވަނަ މިނިޓުގައި ބޮސްނިއާގެ ޑެމިރޮވިޗް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ދެވަނަ ފަހަރަށް ނެދަލަންޑްސްއަށް ކުރި ލިބިފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޒިކްޒީ ދިން ޕާހަކުން ތިޖާނީ ރެއިންޑާސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ދެވަނަ ހާފްގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ނެދަލަންޑްސްގެ ކޯޑީ ގެކްޕޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނިޓުގައި ބޮސްނިއާގެ އެޑިން ޒެކޯ ކާމިޔާބުކުރި ލަނޑާއެކު، މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށް، އެ ޓީމަށް އިތުރު ހިތްވަރެއް ހޯދަދީފަ އެވެ. މިއީ އޭނާ ބޮސްނިއާއަށް ކާމިޔާބުކޮށްދިން 66 ވަނަ ލަނޑެވެ.
މެޗުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނެދަލަންޑްސްގެ ވެގްހޮސްޓް ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި މި މެޗުގައި ނެދަލަންޑްސްއިން ޖެހި ފަސްވަނަ ލަނޑު އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޒަވީ ސިމޮންސްއެވެ.
ނޭޝަންސް ލީގު އޭގެ ގްރޫޕް ތިނެއްގައި ކުޅުނު މި މެޗު ނެދަލަންޑްސްއިން ކާމިޔާބުކުރުމުން އެ ޓީމަށް ވަނީ ތިން ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ލިބިފައެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ ޖަރުމަންވިލާތެވެ.
ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރާނީ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ޓީމުތަކެވެ. ތިންވަނަ ޓީމަށް ރެލިގޭޝަން ޕްލޭއޮފް މެޗެއް ކުޅެން ލިބޭއިރު ހަތަރުވަނަ ޓީމު ރެލިގޭޓްވާނެއެވެ.