ޚަބަރު

އެމެރިކާ އަތުން ކެނެޑާއަށް ތާރީޚީ މޮޅެއް


އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި އެމެރިކާއާ ދެކޮޅަށް ކުޅެ، ކެނެޑާއިން 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފިއެވެ.

މިއީ 67 އަހަރުގެ ތެރޭގައި އެމެރިކާގައި އެ ގައުމު އަތުން ކެނެޑާ މޮޅުވި ފުރަތަމަ ފަހަރެވެ.

ނިމިގެންދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން އެމެރިކާ ކެޓުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުންތައް އެ ޓީމަށް އަމާޒުވި އެވެ. އަދި އެއާއެކު ޓީމުގެ ކޯޗިން ޓީމު ބަދަލުކޮށް އާ ކޯޗަކާއެކު މި މެޗަށް ނިކުތް އެމެރިކާގެ ޓީމަށް މާބޮޑު ބަދަލުތަކެއް ދެއްކިފައެއް ނުވެއެވެ.

ކޮޕާ އެމެރިކާގެ ގްރޫޕް ސްޓޭޖުން އެ ޓީމު ކެޓުމާ ގުޅިގެން އެމެރިކާގެ ފުޓްބޯލް ފެޑަރޭޝަނުން ވަނީ ދިހަ ދުވަސް ވަންދެން އެކަން ރިވިއުކޮށްފައެވެ. އަދި އޭގެ ފަހުން ކޯޗު މަގާމުން ވަކޮކޮށް އާ ކޯޗެއް ވަގުތީ ގޮތުން ހަމަޖެއްސިއެވެ.

އެމެރިކާގެ ކެންސަސް ސިޓީގައި ކުޅުނު މި މެޗުގެ 17 ވަނަ މިނިޓުގައި ކެނެޑާއިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖަކޮބް ޝަފެލްބާގް އެވެ. މި މެޗުގައި ކެނެޑާއިން ޖެހި ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޮނަތަން ޑޭވިޑް އެވެ. އެމެރިކާއިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 66 ވަނަ މިނިޓުގައި ލޫކާ ޑިލަ ޓޯރޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަމިއްލަ ގައުމުގައި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާއިރު, އެ މުބާރާތަށް އެމެރިކާގެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި އެކަމަށް ކުރަންޖެހޭ ކަންތައްތައް ލަސްނުކޮށް ކުރުމަށް އެމެރިކާގެ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަމާއި ހަވާލުވުން އެންމެ ކައިރި އެކަކީ މިދިޔަ ސީޒަނުގައި ޗެލްސީގެ ކޯޗަކަށްހުރި މައުރީސިއޯ ޕޮޗެޓީނޯއެވެ.