ކުޅިވަރު

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް: ދެވަނަ މެޗުންވެސް ރާއްޖެއަށް މޮޅެއް


މާލޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ތަޖިކިސްތާން ބަލިކޮށްފިއެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ހަތަރު ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ތަޖިކިސްތާނުގެ އިތުރުން ކިރްގިސްތާން އަދި އަފްޣާނިސްތާނެވެ.

މިރޭ ކުޅުނު މެޗުން ރާއްޖެ މޮޅުވީ ތަޖިކިސްތާން އަތުން ތިން ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އަންހެން ޓީމުން ވަނީ 25-18 އަދި 25-12 އިން މި ސެޓުތައް ކާމިޔާބުކޮށްފައެވެ.

އެކަމަކު މެޗުގެ ތިންވަނަ ސެޓުގެ ފަހުކޮޅު ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކާއެކު، ތަޖިކިސްތާނުން ވަނީ 25-21 އިން މި ސެޓު ގެންގޮސްފައެވެ. ނަމަވެސް ހަތަރުވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިން އިތުބާރާއެކު ކުޅުނުއިރު، މި ސެޓު ކާމިޔާބުކޮށްފައިވަނީ 25-16 އިންނެވެ.

މި މެޗުން ރާއްޖެ މޮޅުވިއިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ އަންހެން ޓީމުން ވަނީ ސީދާ ތިން ސެޓުން އަފްޣާނިސްތާން ބަލިކޮށްފައެވެ. ލީގު ބުރުގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި މާދަމާރޭ ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ކިރްގިސްތާނުންވެސް މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައިވުމާއެކު، ލީގު ބުރުގެ އެއްވަނަ ޓީމު ކަށަވަރުވެގެންދާނީ މާދަމާރޭ ކުޅޭ މެޗަށްފަހުއެވެ.