ޚަބަރު

ޓޯ ކުރާ އުޅަނދުތަކާއިމެދު ޢަމަލުކުރަނީ އުސޫލުގެ ތެރެއިން: ފުލުހުން


  • އުޅަނދުތައް ނައްތާލުމުގެ ކުރިން އިއުލާން ކުރާ ކަމަށް ފުލުހުން ވިދާޅުވޭ

  • އުޅަނދުތައް ނައްތާލާ މަރުހަލާގައި މިހާރުވެސް ޢަމަލުކުރަނީ ކުރިންވެސް ޢަމަލުކުރާ ގޮތަށް

ޤަވާއިދާ ޚިލާފުވެގެން ޓޯ ކުރާ އެއްވެސް އުޅަނދަކަށް ގެއްލުންވާ ގޮތަށް ޢަމަލުނުކުރާކަމުގެ ޔަޤީންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދީފިއެވެ. ފުލުހުން ޚިދުމަތުން މި ޔަޤީންކަން ދެއްވާފައިވަނީ މީސްމީޑިއާގައި އުޅަނދުތަކެއް ނައްތާލުމުގެ މަސައްކަތް ފެންނަ ވީޑިއޯއެއްގެ ހަޤީގަތް އޮޅުވާލައި ދައުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފުލުހުންގެ ޓޯ ކުރާ އުޅަނދުތަކާއި މެެދު ޢަމަލުކުރާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ހެޑް މުޙައްމަދު ދާއޫދު ވިދާޅުވީ، ފުލުހުން ޓޯ ކޮށްގެން ގެންދާ އުޅަނދުތަކާއި މެދު ޢަމަލުކުރުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ޓޯ ޔާޑަށް ގެންގޮސް 7 ދުވަހުގެ މުހަލަތެއް ދީ ވެރިފަރާތުން ހާޒިރުވުމަށް އިއުލާން ކުރެވޭ ކަމަށެވެ.

"މި 7 ދުވަސް ހަމަވުމަށް ފަހު އިތުރު 60 ދުވަސް ޓޯ ޔާޑުގައި މަޑުކުރާނެ. އެ މުއްދަތުގެ ތެރޭގައި އެ ވެހިކަލްތަކުގެ ވެރިފަރާތްތަކުން ނާންނަ ކަމުގައިވަނީ ނަމަ، ދެން އަޅުގަނޑުމެން އެތަކެތީގެ ރެޖިސްޓްރީ ބާތިލް ކުރުމަށް ޓްރާންސްޕޯޓަށް ފޮނުވާނީ. އޭގެ ފަހުން ދެން ހުއްޓެނީ ނައްތާލުމުގެ މަރުހަލާއަށް. އެހިސާބުން ފެށިގެން ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދަން." ހުޅުމާލެ ޕޮލިސް ހެޑް ދާއޫދު ވިދާޅުވިއެވެ.

މީސް މީޑިއާގައި ވީޑިއޯތައް ދައުރުކުރަމުންދަނީ ފުލުހުން އާންމުންގެ އުޅަނދުތައް ޓޯ ކުރުމަށްފަހު، އެ އުޅަނދުތަކަށް ގެއްލުންދޭ ކަމަށް ދޭހަވާ ގޮތަށެވެ. ނަމަވެސް މި ވީޑިއޯތަކުން ފެންނަނީ ކަނޑައެޅިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން އުޅަނދުތަކުގެ ރެޖިސްޓްރީ ބާތިލްކުރުމަށް ފަހު ނައްތާލުމުގެ މަސައްކަތް ކުރަމުންދާ މަންޒަރުކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިގޮތަށް އުޅަނދުތައް ނައްތާލުމުގެ ކުރިން އެ އުޅަނދެއް ނައްތާލުމުގެ ތެރޭގައި އަލިފާން ރޯ ނުވާނެހެން ޓޭންކް ފޫ އަޅުވާ ޓޭންކް ހުސް ކުރާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

މިއީ ނައްތާލުމުގެ ތެރޭގައި ކަނޑައިގެންދާ ކަނިއެއްގެ ސަބަބުންވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށް ބަލާ އާންމު އުސޫލުން ކުރާ ކަމެއްކަމަށް ދާއޫދު ވިދާޅުވިއެވެ.

ފުލުހުން ވަނީ އުޅަނދުތައް ނައްތާލުމުގެ މަރުހަލާ އަބަދުވެސް ކުރިއަށްގެންދަނީ މި އުސޫލުންކަން ފާހަގަކޮށްފައެވެ. އަދި މިކަން ކުރުމުގައި، އެއްވެސް ރައްޔިތެއްގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ޢަމަލު ނުކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީސް މީޑިއާގައި ދަރުވަމުންދާ ވިޑީއޯއަކީ މޭރީ ބްރައުން ކައިރީ ހުންނަ ޓޯ ޔާޑުގައި އުޅަނދުތައް ނައްތާލުމަށް ފުލުހުން ޓްރަކަކުން އެ އުޅަނދުތައް ވައްޓާލާ މަންޒަރު ފެނެއެވެ. ފުލުހުން ވަނީ ހުކުރު ދުވަހު ކުރެވުނު މަސައްކަތުގެ ތެރެއިން 500 އުޅަނދު ނައްތާލެވިފައިވާކަން ހާމަކޮށްފައެވެ. އަދި އެ އުޅަނދުތައް ނައްތާލީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ފުލުހުން ޔަޤީންކަން ދެއެވެ.