ދުނިޔެ

ބަޣްދާދުގައި ދިން ބޮމުގެ ޙަމަލާއެއްގައި 20 މީހުން މަރުވެއްޖެ


ޢިރާޤުގެ ވެރިރަށް ބަޣްދާދުގައި ދިން ބޮމުގެ ޙަމަލާތަކެއްގައި މަދުވެގެން 20 މީހުން މަރުވެ ފަންސާހަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެއެވެ. ބަޣްދާދުގެ 3 ސަރަޙައްދެއްގައި މިބޮންތައް ގޮއްވާލާފައިވަނީ ބަޔަކު އަމިއްލައަށް މަރުވެގެންކަމަށް ޢިރާޤުގެ އަމަނާބެހޭ ދާއިރާތަކުން ބުނެއެވެ. މިތިން ސަރަޙައްދުގެ ތެރެއިން އެއްސަރަޙައްދަކީ ބަޣްދާދުގެ އުތުރުގައިވާ ހައްޔުއްޝަޢަބު އަވަށް ކަމަށްވާއިރު ދެވަނަ ސަރަޙައްދަކީ ބަޣްދާދުގެ މެދުތެރޭގައިވާ އައްތާމިއްޔާ އަވަށެވެ. އަދި ތިން ވަނަ ސަރަހައްދަކީ ބަޣްދާދުގެ ޞަދްރު ސިޓީ ކަމަށް ޚަބަރުތައް ބުނެއެވެ. 

މިއަދު ދިން މިޙަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައިނުވި ނަމަވެސް މިއީ އައިއެސްޖަމާޢަތުގެ ޙަމަލާތަކެއްކަމަށް ބެލޭކަމަށް ޢިރާޤުގެ އަމަނާބެހޭ ދާއިރާތަކުން ބުނެއެވެ. މިބޮންތައް ގޮއްވާލިއިރު، ޢިރާޤު ސިފައިން ގެންދަނީ އައިއެސް ޖަމާޢަތުގެ ބާރުގެ ދަށުގައިވާ ފައްލޫޖާ މިނިވަންކުރުމަށް އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. 

މިއޮޕަރޭޝަންގައި ފައްލޫޖާ އެއްކޮށް މިނިވަންކޮށް އަވަސް ފުރުޞަތެއްގެ ތެރޭގައި އެރަށް ސަރުކާރުގެ ބާރުގެ ދަށަށް ގެނެވޭނެ ކަމުގެ ޔަޤީންކަން ޢިރާޤުގެ ބޮޑުވަޒީރު ޙައިދަރުލްއަބާދީ ވަނީ ދެއްވާފައެވެ.