ޚަބަރު

ހައިޑްރަންޓް ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތް މިއަހަރު ފަށަނީ


މަޖީދީ މަގުގައި ފަޔަރ ހައިޑްރަންޓް ޕަންޕް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް މިއަހަރު ފަށްޓަަވާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ، އެމްއެންޑީއެފް އިން ބޭއްވި ފަޔަރަ ޕްރިވެންޝަން ހަވީރު ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމްއެންޑީއެފް ފަޔަރަ އެންޑް ރެސްކިއު ސަރވިސް އިން ރަސްފަންނު ސަރަޙައްދުގައި ބޭއްވެވި މި ހަވީރަކީ އަލިފާނުގެ ޙާދިސާތަކުން ޢާންމުން ރައްކާތެރިކޮށް ޙޭލުންތެރިކުރުވުމުގެ ގޮތުން ބޭއްވެވި ހަވީރެކެވެ. މި ހަވީރު ހުޅުއްވައިދެއްވާ ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މާލޭގައި ހިނގާ އަލިފާނުގެ ޙާދިސާތައް މަދުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ތެރޭގައި މާލޭގެ މަޖީދީ މަގުގައި ހޮޅިއަޅައިގެން ފަޔަރ ހައިޑްރަންޓް ޕަންޕް ސިސްޓަމްތައް ބަހައްޓަން ނިންމަވާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެމަޝްރޫއު ނިމުމުން ފަސޭހަކަމާއެކު ފެން ނުވަތަ ލޮނު ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.

މީގެ އިތުރުންވެސް މާލެއާ އަތޮޅުތަކުގައި ތިއްބަވާ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ޢާންމުން ޙޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތަކެއް ހިންގަވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ފަޔަރ ޕްރިވެންޝަން ހަވީރުގައި އެމްއެންޑީއެފްއާއި އަމިއްލަ ބައެއް ކުންފުނިތަކުން ބައިވެރިވެފައިވެއެވެ. އަދި ފަޔަރ ޕްރިވެންޝަން ހަވީރަށް ގިނަ އަދަދެއްގެ ކުދިން ޒިޔާރަތްކޮށް މަޢުލޫމާތު ހޯދާ ކުޅިވަރުތަކުގައި ބައިވެރިވިއެވެ.