ކުޅިވަރު

އައިވަރީ ކޯސްޓުން ފެށީ މޮޅަކާއެކު


އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓުން, އެ މުބާރާތުގެ ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ޒެމްބިއާ އަތުން 2-0 އިން މޮޅުވެއްޖެއެވެ.

މިދިޔަ ފެބުރުއަރީ މަހު އަމިއްލަ ގައުމުގައި ބޭއްވި އެފްކޮން އައިވަރީ ކޯސްޓުން ކާމިޔާބުކުރީ ފައިނަލްގައި 2-1 އިން ނައިޖީރިއާ ބަލިކޮށްގެންނެވެ. އެ ޓީމުން ވަނީ ތިން ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ، 1992، 2015 އަދި 2024 އެވެ.

އައިވަރީ ކޯސްޓްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ދެވަނަ ޑިވިޝަނުގެ ޕެރިސް އެފްސީ އަށް ކުޅެމުންއަންނަ ފޯވާޑް، ޖީން-ފިލިޕް ކްރަސޯ އެވެ. އޭނާ ކުޅެން ނިކުތީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ގްރޫޕް ޖީ ގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޗާޑްއާ ސިއެރާ ލިއޯން ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އަންނަ އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ މޮރޮކޯ އިން ވަނީ 4-1 އިން ގެބޯން ބަލިކޮށްފައެވެ. މި މެޗުގައި ދެ ޓީމަށް މުޅިއެކު ހަތަރު ޕެނަލްޓީ ލިބިގެންދިޔައިރު، އޭގެތެރެއިން، މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯގެ ހަކިމް ޒިޔެޗް ވަނީ ދެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މި ހާފުގައި ގެބޯންގެ ކެޕްޓަން، ޕިއޭ-އެމެރިކް އޮބަމަޔަން ފޮނުވާލި ދެ ޕެނަލްޓީގެ ތެރެއިން އެއްޕެނަލްޓީ ކާމިޔާބުކުރިއެވެ. ފަހު ހާފުގައި މޮރޮކޯގެ އަނެއް ދެލަނޑުޖަހައިދިނީ ބްރަހިމް ޑިއާޒް އާއި އަޔޫބް އެލް ކާބީ އެވެ.

2021 ވަނަ އަހަރުގެ ޗެމްޕިއަން، ސެނެގޯލް 1-1 އިން ބުރްކީނާ ފާސޯއާ އެއްވަރުއިރު، މާލީއާ މޮޒަމްބީގް ބައްދަލުކުރި މެޗު ނިމުނީ ވެސް ހަމަ މިނަތީޖާއިންނެވެ. މިސްރުން ވަނީ 3-0 ގެ ނަތީޖާއަކުން ކޭޕް ވާޑް ބަލިކޮށްފައެވެ. ދެކުނު އެފްރިކާއާ ޔުގެންޑާ 2-2 އިން އެއްވަރުވިއިރު، އަލްޖީރިއާ އިން ވަނީ 2-0 އިން އިކުއެޓޯރިއަލް ގިނީ އަތުން މޮޅުވެފައެވެ.