ޔުއެފާ ނޭޝަންސް ލީގުގައި ރޭ ފްރާންސާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން އިޓަލީން ކާމިޔާބުކޮށްފިއެވެ.
ފްރާންސްގެ ޕެރިހުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި ފްރާންސްގެ ބްރޭޑްލީ ބަކޯލާ ވަނީ ލަނޑެއް ކާމިޔާބުކޮށް ފްރާންސަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ފަސް މިނިޓް ފަހުން އިޓަލީގެ ޑޭވިޑް ފްރަޓޭސީއަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒު ވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.
މި މެޗުގެ 30 ވަނަ މިނިޓުގައި އިޓަލީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސެންދްރޯ ޓޮނާލީ ދިން ޕާހަކުން ފެޑެރީކޯ ޑިމާކޯ އެވެ. މިއީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހަށްފަހު ޓޮނާލޯ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އޭނާ އަލުން ގައުމީ ޓީމަށް ނަގާފައިވަނީ 10 މަސް ދުވަހުގެ ސަސްޕެންޝަނަކަށްފަހު އެވެ.
މި މެޗުގައި އިޓަލީން ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 50 ވަނަ މިނިޓުގައި އިންޓަރ މިލާނަށް ކުޅޭ ފްރަޓޭސީ އެވެ.
މި މެޗުގެ ވަކި ހިސާބަކުން އިޓަލީގެ ފޯވަޑް އަދި ދާދި ފަހުން ޕްރިމިއާ ލީގުގެ ކްލަބް އާސެނަލް އާއި ގުޅުނު ފޯވަޑް ރިކާޑޯ ކަލަފިއޯރީއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
އިޓަލީން މި މެޗުގައި ޖެހި ތިންވަނަ މިނިޓު މެޗުގެ 74 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރީތި ކުޅުމަކަށްފަހު ޖިއަކޯމޯ ރަސްޕަޑޯރީ އެވެ.
ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅޭ ލަންޑަނަށް އުފަން އަދި މިހާރު ފްރާންސް ތަމްސީލުކޮށްފައިވާ މައިކަލް އޮލިސޭ ވަނީ ފްރާންސްގެ ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް ކުޅެފައެވެ. އޭނާ ވަނީ ނިމިދިޔަ އޮލިމްޕިކްސް ގައި ފްރާންސްގެ ޓީމަށް ކުޅެފަ އެވެ.
ނޭޝަންސް ލީގުގައި ރޭ ކޮސޯވޯ އާއި ދެކޮޅަށް ރުމޭނިއާ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ރުމޭނިއާ ވަނީ ކާމިޔާބުކޮށްފަ އެވެ.