ޚަބަރު

ޑި ބްރޭނާގެ ދެ ލަނޑާއެކު ބެލްޖިއަމަށް މޮޅެއް


ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގައި ރޭ އިސްރާއީލާ ދެކޮޅަށް ކުޅުނު މެޗުގައި ކެވިން ޑި ބްރޭނާ ޖެހި ދެ ލަނޑާއެކު، 3-1 ގެ ނަތީޖާއަކުން ބެލްޖިއަމް މޮޅުވެއްޖެއެވެ.

ބެލްޖިއަމްގައި ކުޅެން ތާވަލުކުރި މި މެޗު ކުޅެފައިވަނީ ހަންގޭރީގައި ސަޕޯޓަރުން ނުވައްދަ އެވެ. ބެލްޖިއަމްގެ ގިނަ ސިޓީ ތަކުން ވަނީ އިސްރާއީލާ ދެކޮޅަށް ކުޅެން ހަމަޖެހުނު މެޗުގެ ސަލާމަތީ ސަބަބުތަކަށްޓަކައި އެ ސިޓީތަކުގައި ކުޅެން ދެކޮޅު ހަދާފައެވެ. އެއީ އިސްރާއީލުން މިހާރު ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާއި ގުޅިގެންނެވެ.

މިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ސްވިޑަން އާއި ދެކޮޅަށް ބެލްޖިއަމް އަމިއްލަ ގައުމުގައި ކުޅުނު މެޗެއްގައި ބަޑިން ހަމަލާދީ ދެ މީހަކު ވަނީ މަރާލާފައެވެ.

ރޭ ކުޅުނު މި މެޗުގެ 21 ވަނަ މިނިޓުގައި ކެޕްޓަން ޑި ބްރޭނާ ވަނީ ލަނޑެއް ޖަހާ ބެލްޖިއަމް އަށް ކުރި ހޯދަދީފައެވެ. ނަމަވެސް 36 ވަނަ މިނިޓުގައި ކަސްޓާނިއާ އަތުން ބައިކޮޅަށް ވަން ގޯލާއެކު މެޗުގެ ނަތީޖާ ވަނީ އެއްވަރު ވެފައެވެ.

ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ތިން ވަނަ މިނިޓުގައި ޓިއެލެމެންސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ބެލްޖިއަމްއަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި ބެލްޖިއަމް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 52 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލިބުނު ޕެނަލްޓީ އަކުން ޑި ބްރޭނާ އެވެ.

މި މުބާރާތުގައި ރޭ ސްލޮވޭނިއާ އާއި އޮސްޓްރިއާ ބައްދަލު ކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާއިރު އައިސްލޭންޑް ވަނީ 2-0 ގެ ނަތީޖާއަކުން މޮންޓެނޭގްރޯ ބަލިކޮށްފަ އެވެ.