އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 33 ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ފަސޫހާ އަޙްމަދު އައުކޮށްފިއެވެ.
އޭނާ މި ރިކޯޑު އައުކޮށްފައިވަނީ މިއަދު ހަވީރު ކުރިއަށްދިޔަ ފައިނަލް ހީޓު ފަސް މިނެޓު 3.51 ސިކުންތުން ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިންވެސް އޮތީ ފަސޫހާގެ އަތުގައެވެ. އެއީ 2023 ވަނަ އަހަރު ބޭއްވި ގައުމީ ގްރޯން ޕްރީ މުބާރާތުގައި ފަސް މިނެޓު 4.02 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ ގައުމީ މުބާރާތުގެ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ރަން މެޑަލް ދިވެހި ސިފައިންގެ ކުލަބުގެ ފަސޫހާ ހޯދިއިރު، މި އިވެންޓުން ރިހި މެޑަލް ހޯދީ އައިލެންޑް ރަނާސް މޯލްޑިވްސްގެ ޝަމްހާ އަޙްމަދެވެ. އޭނާ ރޭސް ނިންމީ ފަސް މިނެޓު 21.30 ސިކުންތުންނެވެ. އަދި ލޯ މެޑަލް ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަބުގެ ޒީކް އަޝްރަފް ރަޝީދު ރޭސް ނިންމާފައިވަނީ ފަސް މިނެޓު 26.28 ސިކުންތުންނެވެ.
މި މުބާރާތުގެ ފިރިހެނުންގެ 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައިވަނީ ސިފައިންގެ ކުލަބުގެ ހުސެއިން ފަޒީލް ހާރޫނެވެ. އޭނާ ފައިނަލް ހީޓު ކާމިޔާބުކޮށްފައިވަނީ ހަތަރު މިނެޓު 18.38 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ރިހި މެޑަލް ސިފައިންގެ ކުލަބުގެ މުޙައްމަދު ރަޝީދު (މޯޑު) ހޯދިއިރު، އޭނާ ވަނީ ހަތަރު މިނެޓު 19.83 ސިކުންތުން ރޭސް ނިންމާފައެވެ. އަދި ލޯ މެޑަލް ހޯދި އެލީޓް ރަނާސް މޯލްޑިވްސްގެ ޗިނައްޕަން ވިލިއަމް ޖެރަލްޑް ރޭސް ނިންމާފައިވަނީ ހަތަރު މިނެޓު 32.01 ސިކުންތުންނެވެ.
މީގެ އިތުރުން މިއަދު ހަވީރު ކުރިއަށްދިޔަ ފިރިހެނުންގެ 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ ރައުހަތު ސްޕޯޓްސްގެ އިބާދުﷲ އާދަމެވެ. އޭނާ ވަނީ 21.69 ސިކުންތުން ރޭސް ނިންމާފައެވެ. މި އިވެންޓުން ރިހި މެޑަލް ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ މުޙައްމަދު މިންހާލް ޝާމިން ރޭސް ނިންމީ 22 ސިކުންތުންނެވެ. އަދި ލޯ މެޑަލް ހޯދި ސިފައިންގެ ކުލަބުގެ އަޙްމަދު ނަޖުދާން އަބްދުﷲ ރޭސް ނިންމާފައިވަނީ 22.17 ސިކުންތުންނެވެ.
ގައުމީ މުބާރާތުގެ އަންހެނުންގެ 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ ޝަރީފް ސްޕޯޓްސްގެ އަހުނާ ނިޒާރެވެ. އޭނާ ވަނީ 25.10 ސިކުންތުން ރޭސް ނިންމާފައެވެ. ރިހި މެޑަލް ހޯދި އައްޑޫ އެތުލެޓިކްސްގެ އައިޝަތު ހިމްނާ ހަސަން 25.86 ސިކުންތުން ރޭސް ނިންމިއިރު، ލޯ މެޑަލް ހޯދާފައިވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޒިވާ މޫސާ ޝަފީއުއެވެ. އޭނާ ރޭސް ނިންމީ 26.47 ސިކުންތުންނެވެ.
މީގެ އިތުރުން މިއަދު ހަވީރު ކުރިއަށްދިޔަ ފިރިހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ދުވުން ކާމިޔާބުކޮށްފައިވަނީ ސިފައިގެން ކުލަބުންނެވެ. އެ ޓީމުން ރޭސް ނިންމާފައިވަނީ ތިން މިނެޓު 35.44 ސިކުންތުންނެވެ. ރިހި މެޑަލް ހޯދި ޝަރީފް ސްޕޯޓްސްގެ ޓީމު ތިން މިނެޓު 39.53 ސިކުންތުން ރޭސް ނިންމިއިރު، ލޯ މެޑަލް ހޯދާފައިވަނީ ސާއިދު ސްޕޯޓްސް އިންނެވެ. އެ ޓީމުން ރޭސް ނިންމީ ތިން މިނެޓު 48.85 ސިކުންތުންނެވެ.
މި މުބާރާތުގެ އަންހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ދުވުން ކާމިޔާބުކޮށްފައިވަނީ އައްޑޫ އެތުލެޓިކްސް ޓީމުންނެވެ. އެ ޓީމުން ރޭސް ނިންމާފައިވަނީ ހަތަރު މިނެޓު 19.14 ސިކުންތުންނެވެ. ރިހި މެޑަލް ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޓީމު ހަތަރު މިނެޓު 27.72 ސިކުންތުން ރޭސް ނިންމިއިރު، ލޯ މެޑަލް ހޯދާފައިވަނީ ޝަރީފް ސްޕޯޓްސް އިންނެވެ. އެ ޓީމުން ރޭސް ނިންމީ ހަތަރު މިނެޓު 46.07 ސިކުންތުންނެވެ.
މި އަހަރުގެ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި މިއަދުވެސް ވާދަވެރި ހީޓުތަކެއް ފެނިގެންދިޔައިރު، މި މުބާރާތް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.