ޚަބަރު

މިނަމީނޯގެ ދެ ލަނޑާއެކު ޖަޕާން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެ


ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާގެ ޕްރިލިމިނަރީ ތިންވަނަ ބުރުގައި އިއްޔެ ޗައިނާއާ ދެކޮޅަށް ކުޅުނު މެޗު 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޖަޕާނުން ކާމިޔާބުކޮށްފިއެވެ.

ޖަޕާނުގެ ސައިޓަމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޖަޕާނުން ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެގޮތުން މެޗުގެ 12 ވަނަ މިނިޓުގައި ވަޓަރު އެންޒޯ ވަނީ ލަނޑެއް ޖަހާ ޗައިނާގެ ގޯލު ހުޅުވާލާފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކައޮރު މިޓޯމާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ހަޖިމޭ މޮރިޔަސޫގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ޖަޕާނުން ވަނީ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ 7 ވަނަ މިނިޓްގައި އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މިނަމީނޯ އެވެ. އަދި އޭގެ 6 މިނިޓް ފަހުން 58 ވަނަ މިނިޓުގައި މިނަމީނޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

ފަހަކަށް އައިސް އޭޝިއާގެ ކޮލިފައިންގެ ކުރީކޮޅު ދަށް ނަތީޖާތަކެއް ޖަޕާނަށް ހޯދިފައިވީ ނަމަވެސް މި ފަހަރު ޖަޕާން ފެނިގެން ގޮސްފައިވަނީ ތަފާތުކޮށެވެ.

މި މެޗުގެ 77 ވަނަ މިނިޓުގައި ޖުންޔާ އިޓޯ އުތުރު ލަނޑެއް ޖަހާފައިވާއިރު, ޑައިޒަން މައެޑާ އާއި ޓަކެފޫސާ ކުބޯ ވަނީ މެޗުގެ ފަހު 15 ވަރަކަށް މިނިޓުގެ ތެރޭގައި ތިން ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 7-0 އަށް ބަދަލުކޮށްފަ އެވެ.

ކޮލިފައިންގެ ގްރޫޕް ސީގައި ރޭ ސައުދި އަރަބިއްޔާ އާއި ދެކޮޅަށް އިންޑޮނޭޝިއާ ކުޅުނު މެޗު ނިމިފައިވަނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ.

މި ފަހަރުގެ ވޯލްޑްކަޕްގައި އޭޝިއާއަށް ވަނީ އަށް ޖާގަ ދީފައެވެ. އަދި އެ އަދަދު އިންޓަރ ކޮންޓިނެންޓަލް ޕްލޭއޮފް މެޗުތަކާއިއެކު އިތުރުވުމުގެ ފުރުސަތުވެސް އެބައޮތެވެ.