ޚަބަރު

"މުވައްޒަފުންގެ ސްކީމް"ގައި މީރާއިން ބައިވެރިވެއްޖެ


ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސްކީމް"ގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާއިން ބައިވެރިވެއްޖެއެވެ.

މުވައްޒަފުންގެ ސްކީމަކީ، މަދު ޢަދަދެއްގެ ފައިސާ ކޮންމެ މަހަކު ދައްކަމުން ގޮސް، ފައިސާ ހަމަކޮށްގެން ޙައްޖަށް ދިއުމުގެ މަގު ތަނަވަސްކޮށްދޭ ސްކީމެކެވެ.

މުވައްޒަފުންގެ ސްކީމްގެ އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވިދާޅުވީ، މުވައްޒަފުންގެ ސްކީމްގައި މީރާއިން ބައިވެރިވުމުން މުވައްޒަފުންނަށް ފަސޭހައިން ޙައްޖާއި އުމްރާއަށް ދިޔުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"މުވައްޒަފުންގެ ސްކީމް"ގެ އެއްބަސްވުމުގައި މީރާގެ ފަރާތުން  ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދެވެ. ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސެވެ.

މީރާއަކީ، ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމު"ގައި ބައިވެރިވި 19 ވަނަ އޮފީހެވެ.