ޚަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުން ރިޒުނާ އިސްތިއުފާ ދެއްވައިފި


  • އޭނާ އެމަގާމަށް އައްޔަން ކުރީ 27 ސެޕްޓެމްބަރު 2020ގައި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުން އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރިޒުނާ ވަނީ މިއަދު "ޕީއެސްއެމް ނިއުސް" އަށް ކަށަވަރުކޮށްދެއްވާފައެވެ.

މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ރިޒުނާ ވިދާޅުވީ ޑިޕާޓްމަންްޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ތަންޒީމްކުރެވިފައިވާ ޤާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތުމުން ކަމަށެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ރިޒުނާ އައްޔަން ކުރީ 27 ސެޕްޓެމްބަރު 2020 ގައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހްގެ ދަށުން އުފެއްދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ހަމަޖެއްސުމުގެ ކުރިން ރިޒުނާ ވަނީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަޤާމުވެސް ފުރުއްވާފައެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އަސާސީ މުސާރައިގެ ގޮތުގައި 30500 ރުފިޔާ، އަދި އެހެނިހެން އިނާޔާތްތަކާއެކު ޖުމްލަ މުސާރައިގެ ގޮތުގައި 47500 ރުފިޔާ ލިބޭނެއެވެ.