އައިއެސް ޖަމާއަތުގެ އަތްދަށުގައިވާ އިރާގުގެ ރަށެއްކަމަށްވާ ފައްލޫޖާ މިނިވަންކުރުމަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަން ކުރިޔަށްދިޔަނަމަވެސް އެރަށުގެ އެންމެ ފުނުގައިވާ އައިއެސްގެ އަމާޒުތަކަށް ހަމަލާދޭން އަދި ނުފަށާކަން އިރާގު ސިފައިން ހާމަކޮށްފިއެވެ.
އިރާގު ސިފައިންގެ ބައެއް ކޮމާންޑަރުންނާ ހަވާލާދީ އެޤައުމުގެ ރަސްމީ ޓީވީން ބުނީ ފައްލޫޖާގެ އެތެރޭގައިވާ އައިއެސްގެ އަމާޒުތަކަށް ހަމަލާދޭން އަދި ނުފަށަނީ އެރަށުގައި ތާށިވެފައިވާ އާންމުންގެ ފުރާނަ ރައްކާތެރި ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން ފައްލޫޖާގެ އެތެރޭގެ އަވަށްތަކުގައި ތިބި އާންމުން އެތަންތަނުން އަވަހަށް ނުކުތުމަށް އެދި ސިފައިންގެ ލަޝްކަރުތަކުން އެމީހުންނަށް އިލްތިމާސް ކުރަމުން ގެންދާކަމަށް އިރާގުގެ ރަސްމީ ޓީވީ ބުނެއެވެ.
އިރާގު ސިފައިންނާއި އައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު ފައްލޫޖާގެ އަރިމަތީ ހިސާބުތަކުގައި ހަމަލާތައް ބަދަލުކުރަމުން ގެންދެއެވެ. ނަމަވެސް އައިއެސްގެ ގިނަ ހަނގުރާމަވެރިން ތިބީ ފައްލޫޖާގެ އެތެރޭގެ ސަރަހައްދުތަކުގައި އާންމުން ހިސާރުކޮށްގެން ކަމަށް ޚަބަރުތައް ބުނެއެވެ. އދ.އާއި އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކުންވަނީ ފައްލޫޖާގެ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް އިރާގުގެ ލަޝްކަރުތަކަށް އިލްތިމާސްކޮށްފައެވެ.
އިރާގުގެ ބައެއް ބާރުތައް ފައްލޫޖާ ވަށާލައި އަނެއްބައި ބާރުތައް ފައްލޫޖާގެ ބައެއް ސަރަހައްދުތަކަށް ވަދެގެންފައިވާއިރު އެރަށުގައި ދިރިއުޅޭ ބައިލައްކައެއްހާ އާންމުން ހައިހޫނުކަމާއި ބަލިމަޑުކަން ތަހައްމަލް ކުރަމުން ގެންދާކަމަށް ޚަބަރުތައް ބުނެއެވެ. އދ. އާއި ބައިނަލްއަގްވާމީ ފަރާތްތަކުން ވަނީ މިކަމާމެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.