ޚަބަރު

ފޯޑެން, ޕާމާ އަދި ވޮޓްކިންސް އިންގްލަންޑް ސްކޮޑުން ބާކީކޮށްފި


ޔުއެފާ ނޭޝަންސް ލީގުގައި މި ހަފުތާގައި އިންގްލަންޑުން ކުޅޭ ދެ މެޗަށް އެކުލަވާލި ސްކޮޑުން ފުރުސަތު ދިނުމަށްފަހު މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން އާއި, ޗެލްސީގެ ކޯލް ޕާމާ އަދި އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް ސްކޮޑުން ބާކީކޮށްފިއެވެ.

ޕީއެފްއޭ އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފިލް ފޯޑެން އިނގިރޭސި ސްކޮޑަށް ނެގުމަށްފަހު އުނިކޮށްފައިވަނީ ބަލިވުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ފޯޑެން ސްކޮޑަށް ނެގި ނަމަވެސް އޭނާ ޓީމާއި ގުޅިފައެއް ނުވެއެވެ.

ރަގަޅު ފޯމެއްގައި މިވަގުތު ހުރި ޗެލްސީގެ ފޯވަޑް ކޯލް ޕާމާ އާއި ވޮޓްކިންސް އިނގިރޭސި ޓީމު ކޭމްޕް ކޮށްފައިވާ ސެއިން ޖޯޖްސް ޕާކަށް ދިޔަ ނަމަވެސް ޓީމުން އުނިކޮށްފައިވަނީ އެ ކުޅުންތެރިން މިހާރު ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ކުރިއަށް ގެންދިއުމަށް ކަމަށް އިނގިރޭސި އެފްއޭ އިން ވަނީ ބުނެފަ އެވެ.

ގެރެތް ސައުތު ގޭޓް ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އިނގިރޭސި ގައުމީ ޓީމާއި ދުރަށް ދިއުމުން ކޯޗު ކަމާއި އަލަށް ހަވާލުވި އިންޓެރިމް ކޯޗު ލީ ކާސްލީގެ އިރުޝާދުގެ ދަށުން އިނގިރޭސިން ތައްޔާރުވަމުން ދަނީ ރިޕަބްލިކް އޮފް އަޔަލޭންޑާއި ފިންލޭންޑް އާއި ދެކޮޅަށް ކުޅޭ ދެ މެޗަށެވެ.

މިއީ ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ސްޕޭން އަތުން ބަލިވުމަށްފަހު އިނގިރޭސިން ކުޅޭ ފުރަތަމަ ދެ މެޗެވެ.

ކުރިން ޔޫތު ޓީމުގެ ކޯޗަކަށް މަސައްކަތް ކުރި ކާސްލީ ވަނީ މި ފަހަރުގެ ސްކޮޑުން އޭނާ އާއިއެކު މަސައްކަތް ކުރި ޔޫތު ޓީމުގެ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި މަޑުއެކޭ, ގިބްސް ވައިޓް, ގޯމޭޒް އަދި ލިވްރަމެންޓޯ ހިމެނެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އިނގިރޭސި ސްކޮޑުން ފުރުސަތު ގެއްލުނު ޖެކް ގްރީލިޝްއަށްވެސް ކާސްލީ ވަނީ ފުރުސަތު ދީފައެވެ.