ޚަބަރު

ގަރލްގައިޑް ހަރަކާތުގެ ކުރިއެރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާތަކެއް


  • ޗީފްގައިޑުގެ ހައިސިއްޔަތުން މެޑަމް ސާޖިދާ ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރެއްވި

ގަރލް ގައިޑް ހަރަކާތުގެ ކުރިއެރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީއޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީ އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓު މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބޭއްވި ބައްދަލުކުރެއްވުމުގައެެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް ރާއްޖެއަށް މަރުހަބާ ވިދާޅުވެފައެވެ. ކޮމިޓީގެ މެންބަރުން ވަނީ ގަރލް ގައިޑްގެ އެކިއެކި އިވެންޓްތަކާއި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހަރާކާތްތެރިވެވަޑައިގަންނަވާކަމާއި ޗީފްގައިޑުގެ ހައިސިއްޔަތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގަރލް ގައިޑް ހަރަކާތަކީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރިޔަށްދާ ހަރަކާތެއްކަމާ އެކަމާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީ އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސްގެ މެންބަރުން ވަނީ ގަރލް ގައިޑް ހަރަކާތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހުރަސްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެކަންކަން ރަނގަޅުކޮށް އެ ހަރަކާތުގެ ކުރިއެރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި ޒުވާނުންނަށް އެކި ޕްރޮގްރާމްތަކާއި ތަމްރީނުތައް ހިންގުމުގެ ބޭނުންތެރިކަމާއި އަދި އެކަށޭނަ ވަސީލަތްތަކާއި ކޭމްޕް ސައިޓެއްގެ ބޭނުންތެރިކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން މި ކޮމިޓީގެ މެންބަރުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހަނދާނީ ހަދިޔާ ބަދަލުކުރައްވާފައެވެ.