ޚަބަރު

ޔޫއެސް އޯޕަން: ޑްރެޕާ ކުއާޓާ ފައިނަލަށް


އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އިނގިރޭސިވިލާތުގެ ޖެކް ޑްރެޕާ ހޯދއިފިއެވެ.

އުމުރުން 22 އަހަރުގެ ޑްރެޕަރ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޗެކް ރިޕަބްލިކްގެ ތޯމަސް މަޗަކް ސީދާ ތިން ސެޓުން ބަލިކުރުމަށްފަހުގަ އެވެ. މި މެޗުގެ ސެޓްތައް ޑްރެޕަރ ކާމިޔާބު ކޮށްފައިވަނީ 6-3, 6-1, އަދި 6-2 ގެ ނަތީޖާ އަކުންނެވެ.

ޑްރެޕަރ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދުމާއިއެކު އޭނާ ވެފައިވަނީ 2016 ވަނަ އަހަރަށްފަހު ޔޫއެސް އޯޕަން ފިރިހެން އިވެންޓުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން އިނގިރޭސިވިލާތުގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ވަނީ މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ކުޅެފަ އެވެ.

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރި މަޝްހޫރު ކުޅުންތެރިން ތަކެއް މުބާރާތުން ކަޓާފައިވާއިރު, މި މުބާރާތުގައި ޑްރެޕަރ ކުޅުނު މެޗުތަކުން އަދި އޭނާ ސެޓެއް ގެއްލުވާލަފައެއް ނުވެއެވެ. މުބާރާތުން މިހާތަނަށް ކަޓާފައިވާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ކާލޮސް އަލްކަރޭޒް އާއި ނޯވަކް ޖޮކޮވިޗް ހިމެނެ އެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ޑްރެޕަރ އާއި ދެކޮޅަށް ނިކުންނާނީ ދިހަވަނަ އަށް ސީޑު ކޮށްފައިވާ އެލްކްސް ޑިމިނޯ އެވެ. އޭނާ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ޖޯޑަން ތޮމްޕްސަން އާއި ދެކޮޅަށް ކުޅުނު މެޗު ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު މޮޅުވި ނަމަވެސް އެއީ ގްރޭންޑް ސްލޭމް މުބާރާތެއްގެ ސެމީ ފައިނަލުން އެ ކުޅުންތެރިއަކަށް ފުރުސަތު ލިބޭނެ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި އިއްޔެ އެމެރިކާގެ ފްރެންސެސް ޓިއަފޯ ވަނީ އެލެކްސޭ ޕޮޕިރިން އަތުން މޮޅުވެ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފަ އެވެ.