ޚަބަރު

ފަޔަރ ޕްރިވެންޝަން އިވްނިންގ 2016 މާދަމާ އޮންނާނެ


އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން އަލިފާނުގެ ހާދިސާތަކަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ބާއްވަވާ "ފަޔަރ ޕްރިވެންޝަން އިވްނިންގ 2016" މާދަމާ ބާއްވާގޮތަށް ހަމަޖައްސަވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ފަޔަރ ޕްރިވެންޝަން އިވްނިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ރަސްފަންނު ސަރަޙައްދުގައި ހަވީރު ހަތަރަކުން އިރުއޮއްސި ހަގަޑި ސުންމިނެޓެއްކަމަށެވެ. މި ޕްރޮގްރާމް ފެށުމަށް މާދަމާ ހަވީރު ރަސްފަންނު ސަރަޙައްދުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވާނޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

އާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަ ކުރެވިފައިވާ ސްޓޯލްތަކާއި އަދި ބޮޑެތި މީހުންނަށް ޚާއްޞަ ކުރެވިފައިވާ ސްޓޯލްތައް ހުންނާނެކަމަށްވެސް އެމްއެންޑީއެފުން މަޢުުލޫމާތުދެެއްވައެވެ.

މި ފަޔަރ ޕްރޮވެންޝަން އިވްނިންގގައި ކައްކާ ގޭހަށް ހޭލުންތެރިކުރުވުމާއި، ކަރަންޓްގެ ހާދިސާތަކުން ދިމާވެދާނެ އަލިފާނުގެ ހާދިސާއަށް ހޭލުންތެރިކުރުވުމާއި އަދި އަލިފާންނިވި ބޭނުންކުރާނެ ގޮތްތަކާބެހޭ މަޢުލޫމާތު ދެވޭނެއެވެ. އަދި އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތަކާބެހޭ ތަފާތު މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގެ ރޭގަނޑުގެ ދަންފަޅީގައި މުނިފޫހިފިލުވުމުގެ ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށްވެސް ހަަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މާދަމާ ބޭއްވޭ މި ހަރަކާތުގައި ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)، ގޭޖް ޕްރައިވެޓް ލިމިޓެޑް، ސްޓެލްކޯ، ގްލޯބަލް ފަޔަރ ސާރވިސަސް ޕްރައިވެޓް، މޯލްޑިވް ގޭސް، ވިލާ ގޭސް، ސީގިއަރ، އެންޓީފަޔަރ ޕްރައިވެޓް ލިމިޓެޑް އަދި އެމްއެންޑީއެފް މެޑިކަލް ސާރވިސް އިން ބައިވެރިވާގޮތަށް ހަމަޖެހިފައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.