ހަޅުތާލުކުރިޔަސް، މަސައްކަތްތެރިންނާ ބެހޭ ގާނޫނު އިސްލާޙް ކުރުމުގެ މަސައްކަތް ކުރިޔަށްދާނެކަމަށް ފްރާންސްގެ ސަރުކާރުން ހާމަކޮށްފިއެވެ.
މަސައްކަތްތެރިންގެ ޤާނޫނު އިސްލާޙް ކުރުމަށް ފަރަންސޭސި ސަރުކާރުން ގެންގުޅޭ ޕްލޭނާ ދެކޮޅު ހެދުމުގެ ގޮތުން އެގައުމުގެ ހަކަތައާބެހޭ ސެކްޓަރުގެ މުވައްޒަފުން ހަޅުތާލުކުރަމުންދާ ދިޔުމާބެހޭގޮތުން ދެއްވި ބަޔާނެއްގައި ފަރަންސޭސި މާލީ ވަޒީރު މިޝެއިލް ސާޕާން ވިދާޅުވީ މަސައްކަތްތެރިންނާ ބެހޭ ގާނޫނު އިސްލާޙް ކުރުމުގެ މައްސަލާގައި ސަރުކާރުން ދޫ ނުދޭނެ ކަމަށެވެ.
އެމައްސަލާގައި ހަކަތައިގެ ދާއިރާގެ މަސައްކަތްތެރިންގެ ގިނަބަޔަކު ހަޅުތާލުކުރަމުން ދިއުމާ ގުޅިގެން ފަރަންސޭސިވިލާތުގެ ޕެޓްރޯލް ވިއްކާ ތަންތަނާއި ތެޔޮސާފުކުރާ ރިފައިނަރީތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާއިރު އަނެއްބަޔަކު ދަނީ މަގުތަކަށްއެއްވެ މަސައްކަތްތެރިންނާ ބެހޭ ގާނޫނު އިސްލާޙް ނުކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ. މިއީ ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދްގެ ސަރުކާރަށް މިފަހަކަށް އައިސް ކުރިމަތިވި އެތެރޭގެ އެންމެ ބޮޑު ގޮންޖެހުންކަމަށް މުރާސިލުން ސިފަކުރެއެވެ.
ފަރަންސޭސި ބޮޑުވަޒީރު މަނުއެލް ފާލްސްވެސް ވަނީ މިމައްސަލާގައި ދޫ ދެވެންނޯންނާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.