އީރާނުގައި އަލަށް އިންތިޚާބުކުރި ޕާލަމެންޓްގެ ވަގުތީ ރައީސްކަމަށް ކުރީގެ ޕާލަމެންޓްގެ ރައީސް ކަމުގައި ހުންނެވި ޑރ. ޢަލީ ލަރިޖާނީ އިންތިޚާބުކޮށްފިއެވެ.
އީރާނުގެ މީޑިޔާއާ ހަވާލާދީ ރޮއިޓަރސް ބުނާގޮތުގައި މިކަމަށްޓަކައި އީރާނުގެ ޕާލަމެންޓްގައި ނެގި ވޯޓުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައިވަނީ ލަރިޖާނީއަށެވެ. އޭނާއަށް ޕާލަމެންޓްގައި ހިމެނޭ ދުއިސައްތަ ނުވަދިހަ މެންބަރުންގެ ތެރެއިން ސަތޭކަ ހަތްދިހަ ތިން މެންބަރުންގެ ވޯޓު ލިބިވަޑައިގެންފައިވާއިރު އޭނާއާ އެންމެ ގާތުން ވާދަކުރި މުހައްމަދު ރިޒާ އާރިފް އަށް ލިބިވަޑައިގަތީ ސަތޭކަ ތިން ވޯޓެވެ.
ނަމަވެސް އީރާނުގެ ޕާލަމެންޓަށް ދާއިމީ ރައީސަކު އިންތިޚާބު ކުރުމަށްޓަކައި ޕާލަމެންޓްގެ އެތެރޭގައި ބާއްވާ ވޯޓުލުން ދެތިން ހަފްތާފަހުން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
އީރާނުގެ ދާދިފަހުން ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގެ ވޯޓުތައް ގިނައިން ކާމިޔާބުކޮށްފައިވަނީ އައު މެންބަރުންނެވެ. އެހެންފަހަރުތަކާ ޚިލާފަށް މިފަހަރުގެ އިންތިޚާބު ކާމިޔާބުކުރި އައު މެންބަރުންގެ ނިސްބަތް މަތިކަމަށްވެއެވެ. މީގެއިތުރުން އީރާނުގެ އައުޕާލަމެންޓްގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްގެން ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދާފައިވަނީވެސް އެގައުމުގެ ރައީސް ހަސަން ރޫޙާނީ ގެ އިސްލާޙީ އެޖެންޑާއަށް ތާއީދުކުރާ ފަރާތްތައް ކަމަށް ޚަބަރުތައް ބުނެއެވެ.