ޚަބަރު

ފްރިޓްސް އާއި ޑިމިޓްރޯވް ކުއާޓާ ފައިނަލަށް


އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލަށް ޓޭލާ ފްރިޓްސް އާއި ގްރިގޯ ޑިމިޓްރޯވް ދަތުރުކޮށްފިއެވެ.

އެމެރިކާގެ ޓޭލާ ފްރިޓްސް ކުއާޓާރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ނޯވޭގެ ކެސްޕަރ ރޫޑް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށް ފަހު 3 ސެޓް 1 ސެޓުން މެޗު ކާމިޔާބުކޮށް ގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓް 6-3 އިން ކެސްޕަރ ކާމިޔާބު ކުރިނަމަވެސް ޖެހިގެން ތިން ސެޓް ފްރިޓްސް ކާމިޔާބު ކޮށްފައިވަނީ 6-4, 6-3 އަދި 6-2 ގެ ނަތީޖާ އަކުންނެވެ.

މި މުބާރާތުގައި ހަވަނަ އަށް ސީޑު ކޮށްފައިވާ އެންޑްރޭ ރުބްލޭވް ބަލިކޮށް ކުއާޓަރ ފައިނަލުގެ ޖާގައެއް 2019 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޑިމިޓްރޯވް ހޯދާފައިވަނީ ތިން ސެޓް ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓް 6-3 އަދި 7-6 އިން ޑިމިޓްރޯވް ކާމިޔާބު ކުރި ނަމަވެސް ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓް ރުބްލޭވް ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ 6-1 އަދި 6-3 އިންނެވެ. ނަމަވެސް މެޗުގެ ފަސްވަނަ ސެޓް ޑިމިޓްރޯވް ވަނީ 6-3 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.

މި މުބާރާތުގެ އަންހެން އިވެންޓުގައި އިއްޔެ އެންމެ ފަހުގެ ޗެމްޕިއަން ކޮކޯ ގައުފް ބަލިކޮށް މުބާރާތުގައި 26 ވަނަ އަށް ސީޑު ކޮށްފައިވާ ސްޕޭނުގެ ޕައުލާ ބެޑޯސާ ވަނީ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.