ސްޕެނިޝް ލީގުގައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ފުރަތަމަ ދެ ލަނޑާއެކު، ރެއާލް ބެޓިސް އަތުން 2-0 ގެ ނަތީޖާޢަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
މިއީ މި ފަހަރުގެ ސީޒަނަށް ރެއާލަށް ބަދަލުވެ، ލީގުގައި އެމްބާޕޭގެ ފަރާތުން ފެނިގެންދިޔަ ފުރަތަމަ ގޯލްތަކެވެ. ލީގުގައި އެ ޓީމާއެކު އޭނާ ކުޅުނު ފުރަތަމަ ތިން މެޗުގައި ގޯލެއްޖެހިފައިނުވާއިރު، ގޯލަށް އަމާޒުކޮށް 17 ހަމަލާ ފޮނުވާލައިފައިވެއެވެ. އޭގެކުރީން، އެމްބާޕޭ ވަނީ ރެއާލްގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗުގައި ޔުއެފާ ސުޕަ ކަޕްގައި އެ ޓީމަށް ލަނޑުޖަހައިދީފައެވެ.
އަދި، މިއީ މިދިޔަ 11 އަހަރުގެ ތެރޭގައި ރެއާލުން ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ 26 މެޗު ހަމަކުރި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މިއީ 1996 ވަނަ އަހަރުގެ ފަހުން ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ރެއާލް ކޮޅަށް ލަނޑެއްވަނަނުދީ ފުރިހަމަކުރި ފަސްވަނަ މެޗެވެ.
ރޭގެ މޮޅާއެކު ރެއާލުން ވަނީ މިހާތަނަށް ކުޅުނު ހަތަރުވަނަ މެޗުން ހޯދީ އަށް ޕޮއިންޓާއެކު ތާވަލްގެ ދެވަނަ އަށް ޖެހިލައިފައެވެ. އެންމެ ކުރީގައި އުޅޭ ވާދަވެރި ބާސެލޯނާ އަށް ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ތިނެއްގައި އޮތް އެތުލެޓިކޯ މެޑްރިޑާއި، ހަތަރުވަނައިގައި އޮތް ވިޔަރެއާލަށް ވެސް ރެއާލާ އެއްވަރަށް ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ފެށިގެން ޑޮމިނޭޓްކުރަމުންދިޔައިރު، ފުރަތަމަ ހާފުގައި އޯގަނައިޒްކޮށް ކުޅެމުންދިޔަ ބެޓިސްގެ ޑިފެންސް ފޫއަޅުވައިލުމުގައި އެ ޓީމަށް ވަނީ އުނދަގޫތައް ކުރިމަތިވެފައެވެ. ފުރަތަމަ ހާފުގައި ރެއާލަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ބްރެޒިލް ޑިފެންޑަރު، އެޑާ މިލިޓާއޯ ބޮލުން ފޮނުވާލި ބޯޅަ ބެޓިސްގެ ގޯލްކީޕަރު، ރުއީ ސިލްވާ ވަނީ ހުއްޓުވައިފައެވެ.
މި ހާފުގައި ބެޓިސްގެ އަބްދެ އެޒަލްޒޫލީ އަށް ވަނީ ލަނޑުޖަހައިދޭން ރަނގަޅު ދެ ފުރުޞަތުލިބި ބޭކާރުވެފައެވެ. މެޗު ފެށިގެން ފުރަތަމަ 15 މިނެޓުގެ ތެރޭގައި އޭނާ ފޮނުވާލި ދެ ހަމަލާގައި ވެސް ލަނޑެއްނުޖެހުނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ފަސްވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑްނެގުމާ ގާތަށް ޖެހިލައިފައެވެ. އެ ޓީމުގެ ބްރެޒިލް ވިންގް، ވިނީޝިއުސް ޖޫނިއާ ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
ރެއާލުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، 67 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކުރީ އެ ޓީމުގެ އުރުގުއޭ މިޑްފީލްޑަރު، ފެޑެރީކޯ ވަލްވާޑޭ ދިން ހިތްގައިމު ބެކްހީލް ޕާހަކުންނެވެ. އަދި އޭގެފަހުން، މެޗުގެ 75 ވަނަ މިނެޓުގައި ރެއާލަށް ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލައި، އެ ޓީމަށް މޮޅު ކަށަވަރުކޮށްދީފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ރެއާލްގެ ވިނީޝިއުސް އަށް ބެޓިސްގެ ކީޕަރު، ސިލްވާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގައި އެމްބާޕޭ ޖެހި ފުރަތަމަ ލަނޑަކީ އޭނާ ގޯލަށް އަމާޒުކޮށް ފޮނުވާލި 25 ވަނަ ހަމަލާއިން ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެފަހުން، ޕެނަލްޓީއަކުން އެމްބާޕޭ ކާމިޔާބުކުރި ދެވަނަ ލަނޑަކީ ގޯލަށް އަމާޒުކޮށް ފޮނުވާލި 26 ވަނަ ބޯޅައެވެ. މިއީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި ރެކޯޑެކެވެ.
ލީގުގައި ރެއާލަށް ދެން އޮތީ އިންޓަނޭޝަނަލް ބްރޭކަށްފަހު މި މަހުގެ 15 ވަނަ ދުވަހު ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެއަށްފަހު މި މަހުގެ 18 ވަނަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި އެ ޓީމުން އަމިއްލަ ދަނޑުގައި ނިކުންނާނީ ޖަރުމަނުގެ ވީއެފްބީ ސްޓުޓްގާޓާ ދެކޮޅަށެވެ.