ތަޢުލީމު

އިންވިޖިލޭޓަރުން ތަމްރީން ކުރެއްވުމުގެ މަސައްކަތް ފައްޓަވައިފި


ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބާއްވަވާ އިމްތިހާންތަކުގެ ކަންތައް ބަލަހައްޓަވާ އިންވިޖިލޭޓަރުން ތަމްރީން ކުރެއްވުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގައި އިމްތިހާންތައް ބާއްވާ 48 ސެންޓަރަކުން 80 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމްގައި، އިމްތިޙާންތަކާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ މުހިންމު ކަންކަމާއި، އިމްތިހާންގެ ތެރޭގައި ކަންތައް ކުރަންވީ ގޮތުގެ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނުން މަޢުލޫމާތުދެއްވައެވެ.

މި ޕްރޮގްރާމަކީ އިމްތިޙާންތައް ހިންގުމުގެ ޢާންމު އުޞޫލްތަކާއި، އިމްތިޙާން ސެންޓަރުތަކުގެ ރައްކާތެރިކަން އަންގަވައިދެއްވުމާއި، އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އޮޅުންފިލުވައިދެއްވުމުގެ ގޮތުން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވައި ވާހަކަ ދައްކަވަމުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބް ވިދާޅުވީ ރާއްޖެއިން ބައިނަލްއަޤްވާމީ އިމްތިޙާންތަކުގައި ބައިވެރިވަމުން އަންނަތާ ބައިގަރުނު ވެފައިވާއިރު، މިމުއްދަތުގައި ބާއްވާފައިވާ އިމްތިޙާނުތަކަކީ ބައިނަލްއަޤްވާމީ ފަރާތްތަކުން ކަނޑައަޅުއްވާފައިވާ ޤަވާޢިދުތަކާއި އުޞޫލްތަކާއި އެއްގޮތަށް ބާއްވާފައިވާ އިމްތިޙާނު ތަކެއްކަމުގައެވެވެ.