ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޙިއްސާ އާއްމުންނަށް ވިއްކުމަށް މަސައްކަތްކުރަމުން ގެންދަވާކަމަށްސަރުކާރުން ވިދާޅުވެއްޖެއެވެ.
އެޗްޑީސީގެ ޙިއްސާ އާއްމުންނަށް ވިއްކުމަށް ނިންމަވާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހައުސިން، ލޭންޑް، އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޙިއްސާ އާއްމުންނަށް ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާކަމަށެވެ.
"ވަރަށް އުއްމީދީ އެހެން ވާހަކައެއް އަޅުގަނޑު ދަންނަވާލަފާނަން.. މިއަދު އަދި ކެބިނެޓުގައި ނުނިންމެވިނަމަވެސް ރައީސް ވިސްނަވާފައި އޮތީ އެޗްޑީސީއަކީ އާއްމުންގެ ހިއްސާވެސް އޮންނަ ކުންފުންޏަކަށް ބަދަލުކުރަން" ވަޒީރު ޑރ. ހައިދަރު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމާއި އާބަން ޑިވެލޮޕްމެންޓްގެ ރިއަލް އެސްޓޭޓްގެ ވިޔަފާރީގައި ރާއްޖޭގައި އެންމެ ކުރީގައި އެޗް.ޑީ.ސީ އުފެއްދީ، 2001 ވަނަ އަހަރުއެވެ،
އެޗްޑީސީން ހިންގާފައިވާ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނެއެވެ. މީގެއިތުރުން ތިލަފުށި، ރަސްމާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްގީކުރުމުގެ މަސައްކަތްވެސް އެކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.