ޚަބަރު

އާސެނަލް އާއި އެއްވަރުކޮށް ބްރައިޓަން އެއްވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް، ތާވަލުގެ އެއްވަނަ މަގާމު ވަގުތީ ގޮތުން ނަމަވެސް ބްރައިޓަން އިން ހޯދައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ އެގާރައިން ޓްރޮސާޑް އަށް ކޯޗް މިކޭލް އާޓެޓާ ވަނީ ފުރުސަތު ދީފައެވެ. އަދި ބްރައިޓަންއިން މިދިޔަ ހަފްތާގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން މޮޅުވި ލަނޑު ކާމިޔާބުކޮށްދިން ޖޮއާއޯ ޕެޑްރޯއަށް ވެސް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އާސެނަލް އިން ލީޑު ނަގާފައިވަނީ މެޗުގެ 38 ވަނަ މިނިޓްގައި ކައި ހަވާޓްޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ސަކާ ޖައްސާލި ބޯޅަ ދިފާއު ކުރަން ބްރައިޓަންގެ ކީޕަރު ކުރިއަށް ނިކުތް ވަގުތު ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ އޮއެވަރު ބަދަލުވެގެން ގޮސްފައިވަނީ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓްގައި އާސެނަލްގެ ޑެކްލަން ރައިސް އަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލި ހިސާބުންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް އާސެނަލް އިން ކުޅެން ފެށުމާއިއެކު ބްރައިޓަން އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ އާސެނަލްގެ ގޯލަށް ނުރައްކާ ކުރަން ފަށާފަ އެވެ.

ބްރައިޓަން އިން މި މެޗު އެއްވަރުކޮށްފައިވަނީ މެޗުގެ 58 ވަނަ މިނިޓްގައި ޖޮއާއޯ ޕެޑްރޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޔަންކޫބާ ގޯލަށް ފޮނުވާލި ހަމަލާ ކީޕަރު ރާޔާ ބްލޮކް ކުރުމުން ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ލީގުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

މި ލަނޑަށްފަހު ވެސް ބްރައިޓަން އަށް ވަނީ ލީޑު ނަގާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފައެވެ. އޭގެ ތެރޭގައި ކީޕަރު ރާޔާގެ މޮޅު ސޭވްތަކެއް ހިމެނެއެވެ.

މި ނަތީޖާ އާއިއެކު ބްރައިޓަންއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނަ މަގާމު ވަގުތީ ގޮތުން ނަމަވެސް ލިބިފަ އެވެ.