ދުނިޔެ

އައިއެސްއިން ކޮނެފައިވާ ބިންގަރާސްތަކެއް އިރާޤުން ފެނިއްޖެ


އިރާޤުގެ ފައްލޫޖާގެ ކައިރީގައި އައިއެސްގެ ހަނގުރާމަވެރިން ކޮނެފައިވާ ބިންގަރާސްތަކެއް ފެނިއްޖެކަން ފައްލޫޖާ މިނިވަންކުރުމަށް މަސައްކަތްކުރާ އިރާޤުގެ ބާރުތަކުން ބުނެފިއެވެ.

އިރާޤު ސިފައިންގެ ލަޝްކަރުތަކާއި ޙަޝްދުއްޝަޢަބީ މިލީޝިޔާތައް ހިމެނޭ އިރާޤުގެ ބާރުތަކުން ބުނީ މިއީ އައިއެސްގެ ހަނގުރާމަވެރިން ފިލައިތިބުމަށާއި ވައިގެ ޙަމަލާތަކުން ސަލާމަތްވުމަށް އެމީހުން ހަދާފައިވާ ބިންގަރާސްތަކެއް ކަމަށް ބެލެވޭކަމުގައެވެ.

ފައްލޫޖާ މިނިވަންކުރުމުގެ ހަނގުރާމަ ކުރިޔަށްދަނީ، އެއްގަމު މަގުން އިރާޤުގެ ސިފައިންނާއި ޙަޝްދުއްޝަޢަބީ މިލީޝިޔާތައް ޙަރަކާތްތެރި ވަމުންދާއިރު ވައިގެމަގުން އެމެރިކާގެ ފައިޓަރޖެޓްތަކުން އައިއެސްގެ ހަނގުރާމަވެރިންނަށާއި އެޖަމާޢަތުގެ އަމާޒުތަކަށް ވައިގެ ޙަމަލާތައް ދީގެންނެވެ.

ފާއިތުވި ދެދުވަހުވެސް، އެމެރިކާގެ ވައިގެ ޙަމަލާތަކުގައި އައިއެސްގެ ހަތްދިހައަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަނެއްކޮޅުން އިރާޤުގެ ބައެއް ބާރުތައް ފައްލޫޖާ ވަށާލައި އަނެއްބައި ބާރުތައް ފައްލޫޖާގެ ބައެއް ސަރަޙައްދުތަކަށް ވަދެފައިވާއިރު އެރަށުގައި ދިރިއުޅޭ ފަންސާސް ހާހެއްހާ އާންމުން ހައިހޫނުކަމާއި ބަލިމަޑުކަން ތަހައްމަލް ކުރަމުން ގެންދާކަމަށް ޚަބަރުތައް ބުނެއެވެ.

އދ. އާއި ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ މިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.