އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް އަމާޒުކޮށްފައިވާ ފަރަންސޭސި ސުލްހައިގެ ޕްލޭނަށް އަރަބި ޚާރިޖީ ވަޒީރުން ތާއީދު ކުރައްވައިފިއެވެ.
ގާހިރާގައި ހުންނަ އަރަބި ލީގުގެ މައިމަރުކަޒުގައި ބޭއްވި އަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ ވާހަކަތައް އަލުންފެށުމަށްޓަކައި ފަރަންސޭސިވިލާތުންވެސް އަދި ބައިނަލްއަގްވާމީ އެހެން ފަރާތްތަކުންވެސް އެކުލަވާލާ ޕްލޭންތަކަށް އަރަބި ޚާރިޖީ ވަޒީރުންގެ ތާއީދު ލިބޭނެ ކަމަށެވެ.
އަރަބި ޚާރިޖީ ވަޒީރުން ގާހިރާގައި ބޭއްވި މި ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަރަބި ލީގްގެ ސެކްރެޓަރީ ޖެނެރަލް ނަބީލްއަލްއަރަބީ ވިދާޅުވީ ދެދައުލަތުގެ ހައްލު ނޫންގޮތަކަށް ފަލަސްތީނުގެ މައްސަލަ ހައްލު ނުކުރެވޭނެކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް މުއްދަތެއް ކަނޑައަޅަންޖެހޭ ކަމަށް ނަބީލްއަލްއަރަބީ ވިދާޅުވިއެވެ.
އަރަބި ޚާރިޖީ ވަޒީރުންގެ މިބައްދަލުވުމުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްބާސް ވަނީ ފަރަންސޭސި ސުލްހައިގެ ޕްލޭންގައި ފަލަސްތީނު ބައިވެރިވުމަށް ޝަރުތުތަކެއް ކަނޑައަޅުއްވާފައެވެ. މިޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ސުލްހައިގެ ވާހަކަތަކުގެ އަމާޒަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރުމާއި އެދައުލަތުގެ ސަރަހައްދީ ރޮނގަކީ 1967ވަނަ އަހަރުގެ ހަނގުރާމައިގެ ކުރިން އޮތް ފަލަސްތީނުގެ ސަރަހައްދީ ރޮނގުކަމާއި އަދި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދްސުކަމަށް ހެދުމެވެ. މީގެއިތުރުން ސުލްހައިގެ ވާހަކަތަކުން ނަތީޖާއެއް ނެރުމަށް މުއްދަތެއް ކަނޑައެޅުންވެސް އައްބާސް ގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މިޝަރުތަކުގެ މައްޗަށް ބިނާނުވާގޮތަށް ކުރިޔަށް ގެންދާ ސުލްހައިގެ ވާހަކަތަކެއްގައި ފަލަސްތީނު ބައިވެރިނުވާނެކަމަށް އައްބާސް ވިދާޅުވިއެވެ.
އިސްރާއީލުން ވަނީ ފަރަންސޭސި ސުލްހައިގެ ޕްލޭނަށް ކަނޑައެޅިގެން ދެކޮޅު ހަދަފައެވެ. އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވެފައިވަނީ ފަރަންސޭސި ސުލްހައިގެ ޕްލޭން ބިނާވެފައިވަނީ ފަލަސްތީނުގެ މައްސަލަ ބައިނަލްއަގްވާމީ ކުރުމުގެ މައްޗަށް ކަމަށާ އެއީ އިސްރާއީލަށް ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށެވެ. އަދި އިތުރު އެއްވެސް ފަރާތެއް ބައިވެރިނުވެ އަދި އެއްވެސް ޝަރުތެއްނެތި ހަމައެކަނި އިސްރާއީލާއި ފަލަސްތީނުން ކުރިޔަށްގެންދާ ސުލްޙައިގެ ވާހަކަތަކެއްގައި މެނުވީ އިސްރާއީލުގެ ބައިވެރިވުން ނޯންނާނެ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވެފައިވެއެވެ.
ފަރަންސޭސި ސުލްހައިގެ ޕްލޭން ބިނާވެފައިވަނީ ދުނިޔޭގެ ބޮޑެތި ބާރުތައް ޝާމިލްވާގޮތަށް ބައިނަލްއަގްވާމީ ފެންވަރުގައި އިސްރާއީލާއި ފަލަސްތީނުގެ ސުލްހައިގެ ވާހަކަތައް ސްޕޮންސާރކުރުން ނުވަތަ ރިޢާޔަތް ކުރުމުގެ މައްޗަށެވެ. މީގެތެރޭގައި އެވާހަކަތައް ކުރިޔަށްދާގޮތް ބެލުމާއި ދޭންވާ އިރުޝާދުތައް ދިނުންފަދަ ކަންކަން ބައިނަލްއަގްވާމީ ފެންވަރުގައި މޮނިޓަރ ކުރުން ހިމެނެއެވެ. މިއީ އދ. ގެ ގަރާރުތަކާ އަދި ބައިނަލްއަގްވާމީ ޤާނޫނުތަކާ އެއްގޮތަށް ފަލަސްތީނުގެ މައްސަލާގައި ދޫދިނުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިވެދާނެ ކަމެއްކަމަށް ވާތީ ފަރަންސޭސި ސުލްހައިގެ ޕްލޭނަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރުވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވާފައެވެ.
ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދްވަނީ އެޤައުމުން އިސްނަގައިގެން އެކުލަވާލާފައިވާ ސުލްހައިގެ ޕްލޭން ރަސްމީގޮތުން އިޢުލާން ކުރުމަށް ބައިނަލްއަގްވާމީ މަހާސިންތާއެއް ބޭއްވުމަށްވެސް ނިންމަވާފައެވެ. މި މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއި ވިލާތުގެ އިއްތިޙާދާއި އދ. ގެ އިތުރުން ބައެއް އަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް ދައުވަތު އެރުވުމަށް ވަނީ ހަމަޖެހިފައެވެ. ފަރަންސޭސި ސުލްހައިގެ ޕްލޭން ރަސްމީގޮތުން އިޢްލާން ކުރުމަށް ބާއްވާ ބައިނަލްއަގްވާމީ މަހާސިންތާ އަންނަ ޖޫންމަހުގެ ފަހުކޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާކަންވެސް ފަރަންސޭސި ސަރުކާރުންވަނީ އިޢްލާންކޮށްފައެވެ.