މި ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒުފޯރުވަން މިހާތަނަށް އެއްވެސް މަސައްކަތެއްކޮށްފައި ނޯންނާނެކަމަށާއި، އަދި ކުރިއަށް އޮތްތާނގައިވެސް އެފަދަ ކަމެއް ސަރުކާރުން ނުކުރައްވާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަންގު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފުރިހަމަގޮތުގައި މިނިވަންވެފައިވާ ޝަރުޢީ ދާއިރާއެއް އޮތުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށާއި އެހެންކަމުން ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނޭކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތުމަކީވެސް ސަރުކާރުގެ ނުފޫޒު ޝަރުޢީ ދާއިރާއަށް ނެތްކަން އަންގައިދޭ ހެއްކެއް ކަމަށެވެ. އަދި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ ދާއިރާ ފުރިހަމަގޮތުގައި މިނިވަންކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވަނީ ކޮންމެ މީހަކާ ދޭތެރޭގައިވެސް އިންސާފުން ކަންތައްތައް. ބޭއިންސާފުން އެއްވެސް މީހަކާދޭތެރޭގައި ޝަރީއަތެއް ކުރެވިގެންނުނާވެ. ބޭއިންސާފު ހުކުމެއް ކޮށްގެން ނުވާނެ. ޖުޑީޝަރީ ވާންޖެހޭނީ ހުރިހާ ގޮތަކުން މިނިވަންތަނަކަށް. ސަރުކާރުން ނުފޫޒު ފޯރުވައިގެން ނުވާނެ. އަދި ޝަރީއަތް ކުރިއަށްދާ މީހާގެ ފަރާތުންވެސް ނުފޫޒު ފޯރުވައިގެން ނުވާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާ ގުޅުވައިގެން ދައްކާ ބައެއް ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޖާސޫސްކުރުމަށް އެމަނިކުފާނަށް ފައިސާ ލިބިވަޑައިގެންނެވިކަމަށް ދެކެވޭ ވާހަކަތައް ވަނީ ދޮގުކުރައްވާފައެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބައްދަލުކުރެެއްވިކަމަށް ބުނެ ދެކެވޭ ވާހަކަތައްވެސް އެމަނިކުފާނު ދޮގުކުރެއްވިއެވެ.