ޚަބަރު

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ސެކްރެޓޭރިއަޓް ޤާއިމްކުރުމާބެހޭ ޗާޓަރާއި އެމްއޯޔޫގައި ސޮއިކޮށްފި


  • ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ސެކްރެޓޭރިއަޓް ޤާއިމްކުރުމާބެހޭ ޗާޓަރާއި އެމްއޯޔޫގައި ސޮއިކުރުން އޮތީ ސްރީލަންކާގައި

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ސެކްރެޓޭރިއަޓް ޤާއިމްކުރުމާބެހޭ ޗާޓަރާއި އެމްއޯޔޫގައި މެމްބަރު ޤައުމުތަކުން ސޮއިކޮށްފިއެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިޔާ، ސްރީލަންކާ އަދި ރާއްޖެއިން ގުޅިގެން، ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވަރކެކެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ފައުންޑިންގ މެންބަރުންގެ ގޮތުގައި ހިމެނޭ އިންޑިޔާއާއި ސްރީލަންކާ އަދި ދިވެހިރާއްޖޭގެ އިތުރުން މޮރިޝަސްއިންވެސް މި ކޮންކްލޭވްއާ ވަނީ ގުޅިފައެވެ. އަދި ކޮންކްލޭވްގެ ބައްދަލުވުންތަކުގައި ބަންގްލަދޭޝާއި ސީޝެލްސްއިން ވަނީ އޮބްޒާވަރ ޤައުމުތަކުގެ ގޮތުގައި ބައިވެރިވަމުންނެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ސެކްރެޓޭރިއަޓް ޤާއިމްކުރުމާބެހޭ ޗާޓަރާއި އެމްއޯޔޫގައި ސޮއިކުރުން އޮތީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައެވެ. މި ޗާޓަރާއި އެމްއޯޔޫއާ ގުޅޭ ލިޔެކިޔުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިބްރާހިމް ލަތީފްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން އެ ޤައުމުގެ ބޮޑުވަޒީރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޮވާލް ސޮއިކުރެއްވިއިރު، ލަންކާ ސަރުކާރުގެ ފަރާތުން މިކަމާއި ގުޅޭ ލިޔުންތަކުގައި ސޮއިކުރެއްވީ އެ ޤައުމުގެ ރައީސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ސާގަލާ ރަޓަނަޔަކައެވެ. އަދި މޮރިޝަސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މައިގަނޑު މަޤްސަދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ ކުށްތަކުންނާއި މެމްބަރު ހުރިހާ ޤައުމަކަށްވެސް އާއްމުކޮށް ކުރިމަތިވާ އެހެނިހެން ނުރައްކާތައް ކުޑަކުރުމަށް މަސައްކަތްކުރުމެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ފްރޭމްވަރކް ބިނާވެފައިވަނީ މައިގަނޑު 5 ތަނބެއްގެ މައްޗަށެވެ. އެއީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ކަށަވަރުކުރުމުގެ އިތުރުން ނުރައްކާ ކުރިމަތިވުމުގެ ބިރު އޮތް އިންފްރާސްޓްރަކްޗަރ އާއި ޓެކްނޮލޮޖީ ރައްކާތެރިކޮށް، ކާރިސާގެ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.