ޚަބަރު

އަންހެނަކު ރަހީނުކުރި ހާދިސާގައި ފުލުހުން އަމަލުކުރި ގޮތާމެދު ފަހުރުވެރިވަން: ކޮމިޝަނަރ


  • ކޮމިޝަނަރ ވަނީ މިކަމުގައި ހަރަކާތްތެރިވި ފުލުހުންނާއި ބައްދަލުކުރައްވާފައި

ރޭ މާލޭގައި އަންހެނަކު ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުން އަމަލުކުރި ގޮތާމެދު ފަހުރުވެރިވެވަޑައިގަންނަވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ އަންހެނަކު ރަހީނުކުރި ހާދިސާއާ ގުޅިގެން ހަރަކާތްތެރިވި ފުލުހުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ފުލުހުންގެ އިސްކަންދަރު ބިލްޑިންގައި ބޭއްވި މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ މެނޭޖްމަންޓްގެ އޮފިސަރުންނާއި، ރޭގެ ހާދިސާގެ ކޮމާންޑަރުންނާއި، ހަރަކާތްތެރިވި ޓީމްތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ އެ ހާދިސާއާ ގުޅިގެން ހަރަކާތްތެރިވި ހުރިހާ ފުލުހުންނަށްވެސް ތައުރީފުކުރައްވާފައެވެ. އެގޮތުން މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބުކަމާއި ޕްރޮފެޝަނަލްކަމާއެކު "ތުރެޓް ނިއުޓްރަލައިޒް" ކޮށްފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އަންހެން މީހާ ރަހީނުކުރި ހާދިސާގައި ފުލުހުން އަމަލުކުރީ ރަނގަޅަށްކަމަށާއި، އެކަމުގެ ސަބަބުން އަންހެންމީހާއާއި އޭނާ ރަހީނުކުރި ފިރިހެން މީހާއަށްވެސް ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ މި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށެވެ. މީގެއިތުރުން މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުން މުހިއްމުކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މާލޭގެ މަގުމަތީގައި ވަޅިއަކުން ބިރު ދައްކައިގެން އަންހެނަކު ރަހީނުކުރުމަށް މަސައްކަތްކޮށްފައިވަނީ ށ. މިލަންދޫ، ހެޕީލޭންޑް އަހުމަދު އަތުހަރު ނަމަކަށް ކިިޔާ މީހެކެވެ. ނަމަވެސް ފުލުހުން ހުށިޔާރުކަމާއެކު ކުރި މަސައްކަތުން އަންހެން މީހާ ވަނީ ސަލާމަތްކޮށްފައެވެ. ހާދިސާއަށްފަހު އަންހެން މީހާއާއި ފިރިހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް، މާބޮޑު އަނިޔާތަކެއް ނުލިބޭތީ ދެ މީހުންވެސް ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި މި މައްސަލާގައި ހިމެނޭ ފިރިހެން މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އަންހެން މީހާ ރަހީނުކުރަން އުޅުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި \ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.