މި ފަސް އަހަރު ދުވަހުގެ ތެރޭގައި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި %90އަށް ކުޑަކުރެވޭނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެވުޒާރާއިން މިހެން ވިދާޅުވީ، ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް "ފިޗް"އިން ރާއްޖެއަށް ދީފައިވާ ރޭޓިންގ "ސީސީސީ+" އިން "ސީސީ" ގްރޭޑިންގއަށް ބަދަލުކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ފިޗުގެ ރޭޓިންގ އާއި ގުޅިގެން މާލީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަން ދެމެހެއްޓޭނެކަމަށް ބެލެވުނުނަމަވެސް ރާއްޖޭގެއަށް މިހާރު ކުރިމަތިވެފައިވާ ފިސްކަލް އަދި އަދި އެކްސްޓަރނަލް ސެކްޓަރތަކުގެ ހިރާސްހުރިކަމަށް ބެލެވޭތީ ފިޗުން ރާއްޖެއަށް ނަގާފައިވާ ރޭޓިންގއެއްކަމަށެވެ.
ފިޗުގެ ރިޕޯޓުގައި ފާހަގަކޮށްފައިވަ ކަންކަމަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ޢާމްދަނީއާއި ޚަރަދުގެ ސިޔާސަތުތައް ވަށާޖެހޭގޮތެއްގައި އިސްލާޙުކޮށް، މެދުރާސްތާއަށް ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރުމަށް ތައްޔާރުވަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މާލީ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ، ސަރުކާރުން މާލީ ދާއިރާ ހަރުދަނާކުރުމަށް ތަންފީޒުކުރުމަށް ނިންމަވާފައިވާ ކަންކަމާއެކު މިއަހަރާއި މެދުރާސްތާގައި ފަތުރުކަމުގެ ދާއިރާއަށާއި، އިޤްތިޞާދަށް އަންނާނެކަމަށް ބެލެވޭ ކުރިއެރުމާއެކު ދައުލަތުގެ މާލީ ޙާލަތު ރަނގަޅުވެ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރެވޭނެކަމަށް ލަފާކުރެވޭކަމަށެވެ.
ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް ބަޔާންކުރައްވަމުން މާލީ ވުޒާރާއިން ވިދާޅުވީ، ޢާމްދަނީ އިތުރުކުރުމަށް ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި، އެއަރޕޯޓު ޓެކްސްތަކާއި ފީތަކާއި، ގްރީން ޓެކްސްގެ ރޭޓުތަކާއި، ސިއްޙަތަށް ގެއްލުންދެނިވި ބައެއް ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ މަތިކުރުމަށް ނިންމާފައިވާކަމަށެވެ. ހަމައެއާއެކު ޓީޖީއެސްޓީގެ ގޮތުގައި ލިބޭ ބޭރުފައިސާގެ ޢާމްދަނީ އިތުރުކުރުމަށް ޖީއެސްޓީގެ ޤާނޫނު އިސްލާޙުކޮށް، ޓެކްސްގެ ބޭސްފުޅާކުރުން ހިމެނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި ފިޔަވަޅުތަކާއެކު ދައުލަތަށް ވަންނަ ބޭރުފައިސާގެ ޢާމްދަނީ އިތުރުކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ ސަބަބުން ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުކުރެވޭނެކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ. މީގެ ބޭރުފައިސާއިން އަދާކުރަންޖެހޭ ދަރަނިތައް އަދާކުރުމަށް ފަސޭހަވެ، ކްރެޑިޓް ރޭޓިންއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ ސަރުކާރުގެ (ފިސްކަލް) ދާއިރާ ދެމެހެއްޓެނިވިގޮތެއްގައި ހަރުދަނާކުރުމަށް ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކުރުމުގެ ސިޔާސަތުތަކެއްވެސް އެކުލަވާލާ ތަންފީޒުކުރުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްރާފުތައް ކުޑަކޮށް އެފިޝިއަންޓްކުރުމާއި، ދައުލަތުން ފޯރުކޮށްދޭ އިންޑައިރެކްޓް ސަބްސިޑީތައް ބަދަލުކޮށް ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ޑައިރެކްޓް ސަބްސިޑީއަށް ބަދަލުކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމު ހަރުދަނާކުރުމާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކުއްލި ބަދަލުތަކަުން ކުރިމަތިވާ ދަތިތަކުން ރައްކާތެރިވުމުގެ ގޮތުން ފިއުލް ހެޖިންގއާބެހޭ ސިޔާސަތު ތަންފީޒުކުރުމާއި، ސަރުކާރުގެ (ޑިސްކްރެޝަނަރީ ޚަރަދުތައް) ކުޑަކުރުމަށް ރާވާފައިވާކަމަށް މާލީ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.
އެވުޒާރާއިން ވިދާޅުވީ މިއަހަރުގެ ތެރޭފައި މިފްކޯއިން މަހުގެ އަގު ހިފެހެއްޓުމަޑްޓަކައި ދެމުންދިޔަ ސަބްސިޑީ މުރާޖަޢާކޮށްފައިވާކަމަށެވެ. މީގެއިތުރުން ޚަރަދުކުޑަކުރުމަށް ބަލްކް ޕްރޮކިއުމަންޓް ނިޒާމު މެދުވެރިކޮށް ފެންވަރު ރަނގަޅު ބޭސް އަގުހެޔޮކޮށް ރާއްޖެ އެތެރެކުރުމަށް ފަށާފައިވާކަންވެސް މިބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.
ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު ކުރިއަށްއޮތް ދެމަހެއްހާދުވަހުގެ ތެރޭގައި ރާއްޖެއިން ބައިނަލްއަޤުވާމީ އެކި އިދާރާތަކަށް ދައްކާ ޚަލާސްކުރަންޖެހޭ ލޯނުތަކެއް ހުރިކަން ފާހަގަކުރެވެއެވެ.