ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، މި ސިނާޢަތުގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން މަސްވެރިންގެ އަޑުއަހާ، މަސްވެރިންނަށް ފައިދާހުރި ގޮތަކަށް މި ސިނާޢަތް ބައްޓަންކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ. އަދި މިސިނާޢަތް އިތުރު ހަރުފަތަކަށް ގެންގޮސް ރައްޔިތުންނަށާ ޚާއްޞަކޮށް މަސްވެރި ޢާއިލާތަކަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެވޭނެކަމަށެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. @MMuizzu އެ އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، މި ސިނާޢަތުގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް. ސަރުކާރުން މަސްވެރިންގެ އަޑުއަހާ މަސްވެރިންނަށް ފައިދާހުރި ގޮތަކަށް މި… https://t.co/6jEQUuHRjk
— Ahmed Shiyam (@Shiyamaldives) August 29, 2024
ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވާލުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ މަސްލަހަތު ގެއްލޭގޮތަށް ލޭނު މަސްވެރިކަމަށް ސަރުކާރު ފުރުސަތު ނުދެއްވާނެކަމަށް ވަޒީރު ޝިޔާމް މީގެ ކުރިންވެސްވަނީ ވިދާޅުވެފައެވެ.
ލޭނު މަސްވެރިކަމަށް ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވީ މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް މިކަން ކުރިއަށް ނުގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ބޮޑު ކަންނެލީގެ މަސްވެރިންގެ ޔުނިއަންއިން މިކަމާ ގުޅިގެން ހުށައެޅި ޚިޔާލުތަކަށް ބެލުމަށްފަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންނާ ބައްދަލުކުރައްވާ އެމީހުންގެ ކަންބޮޑުވުންތައް އައްސަވާ، މި ދާއިރާގެ މައްސަލަތަކަށް ޙައްލުގެންނެވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.