ޢިރާޤުގެ ވެރިރަށް ބަޣްދާދުގެ ގްރީން ޒޯން ތެރެއަށް ވަނުމަށް މަސައްކަތްކުރި އެތައް ސަތޭކަ ބަޔަކު އެޤައުމުގެ ސަލާމަތީ ބާރުތަކުން ހުއްޓުވައިފިއެވެ.
ގްރީން ޒޯންއަށް ދެވެން އޮންނަ މަގުތަކުގައި މުޒާހަރާކުރަމުންދިޔަ މިމީހުންވަނީ ސަލާމަތީބާރުތަކުން މަގުތަށް ބަންދުކުރުމަށް ބަހައްޓާފައިވަ ކޮންކްރީޓް ބްލޮކްތަކާއި އަޅާފައިވާ ކަށިނަރުގެ ފެންސްތައް މަގުތަކުން އެއްފަރާތްކުރުމަށް މަސައްކަތްކޮށްފައެވެ. ޢިރާޤުގެ މީޑިޔާތަކުން ޢާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި މުޒާހަރާކުރަމުންދިޔަ މީހުން ގްރީންޒޯނަށް ވަނުމަށް މަސައްކަތްކުރުމާއެކު ސަލާމަތީބާރުތަކުން ވަނީ ކަރުނަ ގޭސް ޖަހާ މުޒާހަރާ ކުރަމުންދިޔަ މީހުން ފަހަތަށް ޖައްސުވާފައެވެ.
ބަޣްދާދުގެ ގްރީން ޒޯންއަކީ ޢިރާޤުގެ ޤާނޫނު ހަދާ މަޖިލީހާއި، ސަރުކާރު އޮފީސްތަކާއި، ބޭރުގެ ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ސަރަޙައްދެވެ. މިއީ ފަހަކަށް އައިސް ޢިރާޤުގެ ސަލާމަތީ ބާރުތަކުން މުޒާހަރާއެއް ރޫޅާލުމަށް ބާރުގެ ބޭނުންކުރި ދެވަނަ ފަހަރެވެ.
ގްރީންޒޯންގެ ކައިރީގައި މިދިޔަ ހަފްތާގެ ހުކުރުދުވަހު މުޒާހަރާކުރަމުންދިޔަ ބަޔެއްގެ ތެރެއަށް ސަލާމަތީ ބާރުތަކުން ބަޑި ޖެހުމުގެ ސަބަބުން 4 މީހުން މަރުވެ ސަތޭކައަށް ވުރެން ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިން އިންވަނީ ސަލާމަތީބާރުތަކުގެ މިޢަމަލުކުށްވެރިކޮށްފައެވެ.
އ.ދ އާއި ހިއުމަން ރައިޓްސް ވޮޗް އާ އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވަނީ މިކަން ތަޙުޤީޤުކުރުމަށް އިރާޤުގެ ސަރުކާރަށްވެސް ގޮވާލާފައެވެ. އިރާޤުގެ ސަރުކާރުންވަނީ މުޒާހަރާ ކުރި ފަރާތްތަކުގެ ތެރެއަށް ސަލާމަތީ ބާރުތަކުން ބަޑި ޖަހާފައި ނުވާނެކަމަށް ބުނެފައެވެ. އަދި މިހަމަނުޖެހުންތަކުގައި މަރުވީވެސް އެންމެ ދެމީހުންކަމަށް ޢިރާޤުގެ ސަރުކާރުން ބުނެއެވެ.
ފަހަކަށް އައިސް ޢިރާޤުގައި ކުރަމުންދާ މުޒާހަރާތަކުގައި ޝީޢީ އިމާމް މުޤްޠަދާ އަލް-ޞަދްރްގެ ސަޕޯޓަރުންގެ އިތުރުން ސަރުކާރާ އިދިކޮޅު އެހެނިހެން ގްރޫޕްތަކުންވެސް ދަނީ ބައިވެރިވަމުންނެވެ. މިމީހުން މުޒާހަރާ ކުރަމުން ދަނީ ކޮރަޕްޝަނާއި އެހެނިހެން މައްސަލަތައް ޙައްލުކުރުމަށްޓަކައި ޢިރާޤުގެ ސަރުކާރުން ގެންނާނެކަމަށް ބުނެފައިވާ އިޞްލާޙީ ބަދަލުތައް ގެނައުން ލަސްވުމާއި ގުޅިގެންނެވެ.