ޚަބަރު

ރިހެބިލިޓޭޝަންގެ ތެރެއިން މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއް ކަމުގައި ހަދަނީ


  • ގައިދީން ރިހެބިލިޓޭޓް ކުރުމުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ޤައުމިއްޔަތާއި ސަގާފަތް ހިމަނާނެ

  • މާފުށީގައި ގާއިމުކޮށްފައިވާ ސަގާފީ ގޯތީގައި ކުރެވޭ މަސައްކަތްތައް ގައިދީންނަށް ދަސްކޮށްދޭނެ

ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއް ކަމުގައި ހަދަން ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކ. މާފުށީގައި ޤާއިމުކުރި "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ގައިދީން ރިހެބިލިޓޭޓް ކުރުމުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ޤައުމިއްޔަތާއި ސަގާފަތް ހިމަނައިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި އެގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާއެކު، މާފުށީގައި ޤާއިމުކޮށްފައިވާ ސަގާފީ ގޯތީގައި ކުރެވޭ މަސައްކަތްތައް ގައިދީންނަށް ދަސްކޮށްދީ، އެއިން ލިބޭ އާމްދަނީގެ ބައެއް ގައިދީންނަށް ލިބޭނެ ގޮތްތައް ހޯދުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަލީ އިޙްސާން ވިދާޅުވީ ގައިދީންގެ ރިހެބިލިޓޭޝަންގެ ތެރެއިން އެކި ދާއިރާތަކުން މަސައްކަތްތައް ދަސްކޮށްދެމުންދާއިރު އެއިން ކޮންމެ ދާއިރާއަކުންވެސް މަސައްކަތުގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެ ގައިދީއެއްގެ ހުކުމުން އުނިވާ ދުވަހެއް ކަމުގައި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. އެކަމަށްޓަކައި ޤާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިކަން ހަރުދަނާ ގޮތެއްގައި ގެންދެވޭނެ އުސޫލުތައް ކަރެކްޝަނަލް ސަރވިސަސްއިން ވަރަށް އަވަހަށް ކަނޑައަޅާފަ ހުރިހާ ގައިދީންނަށްވެސް އިއުލާން ކުރާނަން." ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅަކީ ހުރިހާ ގައިދީންނަކީވެސް ޖަލުގައި ހޭދަކުރާ ދުވަސްތަކުގައި ރަނގަޅު، ފަންނުވެރި މަސައްކަތްތައް ދަސްކޮށްގެން އާމްދަނީ ލިބޭނެ ގޮތެއް ހޯދައިގެން މުޖުތަމައަށް ނުކުމެވޭނެ މީހަކަށް ހެދުން ކަމަށެވެ. އަދި ގިނަ ދުވަސްވަންދެން ޖަލުތަކުގައި މީހުން ގެންގުޅުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކަރެކްޝަންސް އިން ގެންގުޅޭ ޕްރޮޓޮކޯލްތަކާއި މިހާރު ގެންގުޅޭ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ބަދަލުކުރައްވާނެކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.