ނިމިގެންދިޔަ ފުޓްބޯޅަ ސީޒަނުގައި ޔޫރަޕްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ދޭ ރަން ބޫޓް ބަޔާން މިއުނިކަށް ކުޅޭ އިންގްލޭންޑްގެ ހެރީ ކޭންއަށް ލިބިއްޖެ އެވެ.
އުމުރުން 31 އަހަރުގެ ހެރީ ކޭން މި އެވޯޑް ހޯދާފައިވަނީ ނިމިގެންދިޔަ ސީޒަނުގައި 36 ލަނޑު ޖަހައިގެންނެވެ. މިއީ 2000 ވަނަ އަހަރަށްފަހު މި އެވޯޑް އިނގިރޭސިވިލާތުގެ ކުޅުންތެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މި އެވޯޑް ހޯދާފައިވާ އިނގިރޭސި ކުޅުންތެރިއަކީ 2000 ވަނަ އަހަރު ކެވިން ފިލިޕްސް އެވެ.
މި އެވޯޑް ހޯދުމާއެކު ހެރީ ކޭން ވެފައިވަނީ ގާޑް މުލާ އާއި ރޮބަޓް ލެވަންޑޯސްކީ އަށްފަހު މި ޝަރަފު ހޯދި ބަޔާން މިއުނިކްގެ ތިންވަނަ ކުޅުންތެރިޔާ އަށެވެ.
މި އެވޯޑާއި ހަވާލުވުމަށްފަހު ކޭން ބުނެފައިވަނީ މިއީ ހުރިހާ އެންމެނަށް ލިބުނު އެވޯޑެއް ކަމަށާއި ކްލަބާއި ކުޅުންތެރިންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި މި އުފާވެރި އިހުސާސް ކުރެވޭ ވަގުތު ހުރިހާ އެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ.
ޔޫރަޕްގެ ރަން ބޫޓް ތައާރަފް ކުރި ފަހުން މި އެވޯޑް އެންމެ ގިނައިން ހޯދާފައިވަނީ ކުރިން ބާސެލޯނާއަށް ކުޅުނު އާޖެންޓީނާގެ ލިއޮނެލް މެސީ އެވެ. އޭނާ ހަ ފަހަރު މި އެވޯޑް ހޯދާފައިވާއިރު، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހަތަރު ފަހަރު ހޯދާފަ އެވެ. އަދި އެންމް ފަހުން މި އެވޯޑް ކާމިޔާބުކޮށްފައިވަނީ އާލިން ހާލަންޑް އެވެ.
ކޭން އިތުރަށް ބުނެފައިވަނީ މި ނަންތަކާއިއެކު އޭނާ ނަން އައުމަކީ އޭނާއަށް ލިބިގެންދާ ބޮޑު ޝަރަފެއް ކަމަށެވެ.