ޑޮލަރުން ޓެކްސް ދެއްކުމާއި ގުޅޭގޮތުން ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް ރަނގަޅު ކުރިއެރުމެއް އަންނާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ، ބޭރު ފައިސާގެ ތާށިކަން ހައްލުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.
ޑޮލަރުގެ ތާށިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަން ސަރުކާރުން ވަނީ ނިންމަވާފައެވެ. އޭގެތެރޭގައި ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަން ފަންޑަށްވެސް ޑޮލަރުން ފައިސާ ޖަމާކުރުމާއި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ކޯޕަރޭޓް އިންކަމް ޓެކްސްއާއި ކަސްޓަމް ޑިއުޓީ ޑޮލަރުން ދައްކާގޮތަށް އުސޫލުތައް ބަދަލުކުރުން ހިމެނެއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދައުލަތަށް ދައްކާ އެކި ޓެކްސްތައް ޑޮލަރުން ދައްކާ ގޮތަށް ބަދަލުކުރުމުން ދައުލަތަށާ 40 މިލިއަން ޑޮލަރާއި 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް އިތުރަށް ލިބިގެންދާނެކަމަށެވެ.
ވަޒީރު ސައީދު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ވީހާވެސް އަވަހަކަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، އެކަންކަން ތަންފީޒު ކުރަން ފަށަން ކަމަށެވެ.
"އަޅުގަނޑުމެން މި ދަނީ އެ ފިޔަވަޅުތަކުން އަންނާނެ ބަދަލުތަކުގެ ރަނގަޅު ހިސާބުތައް ހަދަމުން. 40-80 މިލިއަން ޑޮލަރާ ދޭތެރޭގެ ބޭންޑެއްގެ އަދަދެއް އާމްދަނީއަށް އިތުރުވާނެ ކަމަށް އަޅުގަނޑުމެން މި ލަފާކުރަނީ. ސީދާ އަދަދު އެނގޭނީ މިހާރު މި ހިނގާ މަސައްކަތްތައް ނިމުނީމަ" ވަޒީރު ސައީދު ވިދާޅުވިއެވެ.
ބޭރުގެ ފައިސާގެ ރިޒާވް އިތުރުކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާއިރު ޑޮލަރުގެ މައްސަލަ މިއަދު ކުރިމަތިވެގެން އުޅެނީ ކުރީ ސަރުކާރުން ހައްދެއް ނެތި ފައިސާ ޗާޕުކުރުމުންކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ އޭރުވެސް ޑޮލަރަށް ބާރު ބޮޑުވި މިންވަރު ފެނިވަޑައިގަތް ކަމަށެވެ. ނަމަވެސް އޭރު އޮތް ސަރުކާރުން ޚަރަދު ކުޑަކުރަން ކުރަންޖެހޭ ކަންތައްތައް، ފައިސާ ޗާޕުކުރަމުންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ޑޮލަރަށް ބާރު ބޮޑުވި މިންވަރު ފެންނަމުންދިޔަ. އޭރުގެ ސަރުކާރުން އަމަލުތައް ގެންގުޅުނު ގޮތުން މިދުވަސް މި ފެނުނީ. އާމްދަނީ ހޯދުމަށްޓަކައި އެއްވެސް ކަމެއް މިދިޔަ ސަރުކާރުން ކޮށްފައިނުވޭ" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ހާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ބައެއް ފަރާތްތަކުން ދައުލަތުގެ މާލީ ހާލަތާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާކަން ފާހަގަކުރައްވާފައެވެ. އަދި މާލީ ހާލަތާއި ގުޅޭގޮތުން ދޮގުވާހަކަތައް ނުފެތުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ހާރިޖީ ވަޒީރު ވިދާޅުވީ އެއްވެސް ރައްޔިތަކަށް ދަތިވާފަދަ ނިންމެވުމެއް ސަރުކާރުން ނުނިންމަވާނެކަމަށެވެ.
"ރައީސްގެ ވިސްނުންފުޅު ހުންނެވީ ގެންނަވާ އިޤްތިސާދީ ބަދަލުތަކަކީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް އެކަމެއް ކުރެއްވުން. ބޮޑު ފިޔަވަޅެއް އަޅައިގެން ރައްޔިތުންނަށް އުނދަގޫވާގޮތަށް ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައެއް ނެތް. ރާއްޖޭގެ ރިޒާވްވެސް ހުހެއް ނުވޭ" ވަޒީރު ޒަމީރު ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފައިސާ ޗާޕުކުރުން ހުއްޓާލައި ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުންވެސް ވަނީ ތައުރީފު ކުރައްވާފައެވެ.