ލޭނު މަސްވެރިކަމަށް ހުޅުވާލާނީ އަންނަ ފެބްރުއަރީމަހުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް ސަރުކާރުން ވަނީ ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުމަށް އަލުން ހުއްދަ ދޭން ނިންމަވާފައެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޭނު މަސްވެރިކަމާއި ގުޅޭގޮތުން ޕީއެސްއެމްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ލޭނު މަސްވެރިކަމުން ވަރަށް ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިގެންދާނެ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ނިންމާލުމަށްފަހު އަންނަ ފެބްރުއަރީމަހު ލޭނު މަސްވެރިކަމަށް ހުޅުވާލާނޭކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
"ފެބްރުއަރީގައި އަޅުގަނޑުމެން މި ގަސްތުކުރަނީ ލޯންގް ލައިން ފިޝަރީޒްއަށް ހުޅުވާލަން. މި ދޭތެރޭގައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ހަމަ ހުރިހާ ސްޓޭކް ހޯލްޑަރުންނާއި މަސްލަހަތުވެރިންނާއި އެކީގައި މަސައްކަތް ކުރަމުން އަޅުގަނޑުމެން މިދަނީ. ލޭނު މަސްވެރިކަމަށް ހުޅުވާލާއިރު އެކުލަވާލި ގަވާއިދު އާންމުންގެ ހިޔާލާއެކު ވީހާ ވެސް ރައްކާތެރިކޮށް، ގިނަ ދިވެހިންނަށް އެކަމުގައި ހަރަކާތްތެރިވެވޭނެ ގޮތަށް ބައްޓަން ކުރާނަން" ޝިޔާމް ވިދާޅުވިއެވެ.
ލޭނު މަސްވެރިކަމަށް ރާއްޖޭގައި އަލުން ހުއްދަ ދޭން ނިންމާފައިވާއިރު، މަސްވެރިކަމާއި ގުޅޭ އެހެން ބައެއް މަސައްކަތްތައްވެސް އިތުރަށް ފުޅާކޮށް، ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.
އެގޮތުން ވަޒީރު ޝިޔާމް ވިދާޅުވީ ލޭނު މަސްވެރިކަމާއެކު ދައުލަތުގެ އާމްދަނީއަށް 120 މިލިއަން ޑޮލަރަށް އިތުރު ކުރެވޭނެކަމަށް އަންދާޒާ ކުރެއްވޭކަމަށެވެ.
2012 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ލޭނު މަސްވެރިކަން ކުރިއެވެ. އޭގެފަހުން ލޭނުގެ މަސްވެރިކަން ހުއްޓާލުމަށްފަހު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިހާރު ވަނީ އަލުން ލޭނު މަސްވެރިކަމަށް ހުޅުވާލާފައެވެ. ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރުމަށް ހުޅުވާލާފައިވަނީ ލޯބޮޑު ކަންނެލި، ރީނދޫ އުރަހަ ކަންނެލި އަދި ހިބަރު މަސްވެރިކަމަށެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލާއިރު ޤަވާއިދާ ޚިލާފަށް މަސްވެރިކަން ނުކުރެވޭވަރަށް މޮނިޓަރ ކުރާނެކަމަށެވެ. އެގޮތުން ވުޒާރައިން ކަނޑައަޅާ ބަނދަރަކުން ފުރައި އެ ބަނދަރަކަށް ލެފުމާއި، ފުރުމުގެ ކުރިން ޑިޕާޗަރ ކްލިއަރެންސްދޭގޮތަށް ހެދުމާއި، ދޯނިތަކުގައި ކެމެރާ ހަރުކުރުން ލާޒިމުވާނެއެވެ.
ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތަކީ ކަނޑު ރޯދިން ނަފާ އިތުރު ކުރުން ކަމަށެވެ. އެގޮތުން މެރިން ކަލްޗަރ ވަކި ސިނާއަތެއް ގޮތަށް ކޮމާޝަލް ސްކޭލްއެއްގައި ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.