ޚަބަރު

ވެމްކޯއިން އިމާރާތް ފޮޅާ ސާފުކުރާ ޚިދުމަތް ފުޅާކުރަނީ؛ މިހާރުވެސް 4 ތަނަކަށް ޚިދުމަތް ދޭ


  • ވެމްކޯގެ އިމާރާތް ފޮޅާ ސާފު ކުރާ ޚިދުމަތަށް ކިޔަނީ "ހޮބާ"

  • މި ޚިދުމަތް މިވަގުތު އަމާޒުކޮށްފައިވަނީ ދައުލަތުގެ އޮފީސްތަކާއި އިދާރާތަކަށް

  • އިތުރު 7 ތަނަކާއެކު ޚިދުމަތް ފެށުމަށް އަންނަނީ މަޝްވަރާކުރަމުން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއިންދޭ އިމާރާތް ފޮޅާ ސާފު ކުރުމުގެ ޚިދުމަތް "ހޮބާ" ގައި މިހާތަނަށް 4 ތަނެއް ރަޖިސްޓަރ ކުރެވި ޚިދުމަތް ދެމުން އަންނަ ކަމަށް ވެމްކޯއިން ހާމަކުރައްވައިފިއެވެ.

ވެމްކޯގެ ހޮބާ ޚިދުމަތަކީ ސަރުކާރުގެ ކުންފުނިތަކާއި، އޮފީސްތަކާއި އިދާރާތަކުގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން ތަންތަނަށް އަމާޒުކޮށްގެން ދޭން ފެށި ޚިދުމަތެކެވެ. ބޭނުމަކީ ޚިދުމަތްތައް ފުޅާކޮށް ވެމްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމެވެ.

ވެމްކޯއިން މިޚިދުމަތް ފެށީ މިދިޔަ ޖުލައި މަހު 27 ވަނަ ދުވަހުއެވެ. އެގޮތުން މިއަދާ ހަމައަށް މިޚިދުމަތް ހޯދާ ފަރާތްތަކުގެތެރޭގައި ހ.މުރައިދޫގެ، ހައްޖު ކޯޕަރޭޝަން، ބަންޑާރަ ނައިބުގެ އޮފީސް ހިމެނެއެވެ. މީގެ އިތުރުން މި ޚިދުމަތް ހޯދުމަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންވެސްވަނީ ވެމްކޯއާއެކު ސޮއިކޮށްފައެވެ. މިއާއެކު 4 ތަނަކަށް ޚިދުމަތް ދެވޭނެ ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

ވެމްކޯގެ އަމާޒަކީ ވީހާވެސް ގިނަ އިދާރާތަކަށް ޚިދުމަތް ފުޅާ ކުރުން ކަމަށެވެ. އެގޮތުން މިހާރުވެސް އިތުރު 7 ތަނަކާއެކު ޚިދުމަތް ދިނުމަށް މަޝްވަރާ ކުރަމުން އަންނަކަމަށް ވެމްކޯއިން ވިދާޅުވިއެވެ.

މިޚިދުމަތް ފެށުމަށް ގިނަ ބަޔަކާއެކު ކުރެވުނު މަޝްވަރާތަކުގައި، ކުނި އުކުމަށް ހޭދަ ކުރާ މިންވަރާއި އަޅާބަލާއިރު މިޚިދުމަތުގެ އަގު ދަށްކަން ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

ވެމްކޯއިން މިޚިދުމަތް ދެނީ، މިމަސައްކަތުގެ ތަމްރީނު ލިބިފައިވާ މުވައްޒަފުންނެވެ. އަދި ޚިދުމަތް ދޭ ދުވަސްތަކާއި އަގު ކަނޑައަޅަނީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތަކަށް ރިޢާޔަތްކޮށް ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.