ޚަބަރު

އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައިގައި ރާއްޖޭގެ އަޝްފާގު


ދިވެހި ފުޓުބޯޅައިގައި މިއީ ބަނަ ދުވަސްވަރެކެވެ. ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރުމުގެ ސަބަބުން ކުޅުންތެރިންނާއި ދިވެހި ސަޕޯޓަރުން މާޔޫސްވެފަ އޮތް މި ދުވަސްވަރު އިނގިރޭސި ކުޅިވަރު މީޑިއާއެއް ކަމަށްވާ 'ގިވްމީސްޕޯޓްސް' އިން އާއްމުކުރި ޕްރޮފެޝަނަލް ފުޓްބޯޅައިގައި މި ގަރުނުގައި މުޅި ދުނިޔެ އިން އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައިގައި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ހިމެނުން ވެގެންދިޔައީ ދިވެހި ސަޕޯޓަރުންނަށް އުފާވެރިކަން ގެނުވި ކަމަކަށެވެ.

މި ލިސްޓު ގިވްމީސްޕޯޓްސް އިން ހާމަކޮށްފައިވަނީއިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު އިޕްސްވިޗް ޓައުން އަތުން 4-1 އިން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި ނޯވޭ ފޯވާޑް އާލިން ހާލާންޑް ހެދި ހެޓްރިކާ އެކު އޭނާގެ ޖުމްލަ 23 އަށް އެރުމުން އެކަން ފާހަގަކޮށެވެ.

އެއްވަނައިގައި 66 ހެޓްރިކް ހެދި ކްރިސްޓިއާނޯ ރޮނާލްޑޯ އޮތްއިރު ދެވަނައިގައި 57 ހެޓްރިކާ އެކު އޮތީ ލިއޮނަލް މެސީ އެވެ. އޭނާއާއި އެންމެ ކައިރީގައި އޮތީ 31 ހެޓްރިކް ހަދައިގެން ހަތަރުވަނައިގައި އޮތް ބާސެލޯނާގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ އެވެ. ފަސްވަނައިގައި އޮތީ 30 ހެޓްރިކާއެކު އެލްއޭ ގެލެކްސީގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އެވެ.

އަޝްފާގް ހަދާފައިވާ 35 ހެޓްރިކުގެ ތެރޭގައި ގައުމީ ޓީމަށް ހެދި ހަތަރު ހެޓްރިކް ހިމެނެއެވެ. ރަސްމީކޮށް އަދި ކުޅުމުން ރިޓަޔާނުކުރި ނަމަވެސް އޭނާ ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ. ގައުމީ ޓީމަށް ހެދި ހެޓްރިކްތަކުގެ ތެރޭގައި ވޯލްޑް ކަޕް ކޮލިފައިންގައި ޑިސެމްބަރު 2003 ގައި މޮންގޯލިއާ އަތުން 12-0 އިން ރާއްޖެ މޮޅުވި މެޗުގައި ހެދި ހެޓްރިކު ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި 2012 ވަނަ އަހަރު ކެމްބޯޑިއާ އަތުން 4-0 އިން ރާއްޖެ މޮޅުވި މެޗުގައި އަޝްފާގު ހެދި ހެޓްރިކް ވެސް ހިމެނެއެވެ.