ޚަބަރު

ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވާ ސަބަބު ދެނެގަތުމުގެ ދިރާސާއަށް ބޮޑު ތަރުހީބެއް


  • އިލެކްޝަންސް ކޮމިޝަނުން މި ދިރާސާގެ މަސައްކަތް ފެށީ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހުއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ އާންމުންގެ ފަރާތުން މި ދިރާސާއަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ.

ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވާ ސަބަބު ދެނެގަތުމަށް ކުރިއަށްގެންދާ ދިރާސާއަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މި ދިރާސާގެ މަސައްކަތް ފެށީ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ އާންމުންގެ ފަރާތުން މި ދިރާސާއަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ.

"ދިރާސާގެ ފުރަތަމަ ދުވަހާ ބަލާފައި ތާއީދު ރަނގަޅު. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން ދަނީ ދިރާސާގައި ބައިވެރިވަމުން. ބޭނުންވަނީ ވީހާވެސް ގިނަ މީހުންގެ ހިޔާލުތައް ލިބުން ރާއްޖެ ތަމްސީލްވާނެހެން" ފުއާދު ވިދާޅުވިއެވެ.

އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމުން ދޭހަވަނީ ރައްޔިތުން ޑިމޮކްރަސީއަށް އޮތް ޝައުގުވެރިކަން ކުޑަވަމުންދާކަންކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އެއް އިންތިޚާބަށްފަހު އަނެއް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ފުއާދު ވިދާޅުވިއެވެ.

މި ދިރާސާ ކުރިއަށްގެންދަނީ އޮންލައިން ފޯމެއް ފުރައިގެންނެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ސަރވޭ ފޯމް ފުރުމުގެ ލިންކް ހިއްސާ ކުރައްވާފައެވެ.

މި ސަރވޭއަކީ ބޮޑު އިލްމީ ދިރާސާއަކަށް ނުވިނަމަވެސް ދިރާސާއިން ފާހަގަކުރެވޭ ކަންކަން ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެންނަވާނޭކަމަށްވެސް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮންމެ އިންތިޚާބަކަށް ދައުލަތުން އެތައް ޚަރަދެއްކުރާއިރު ވޯޓްލާން ނިކުންނަ މީހުންގެ އަދަދު މަދުވުމުން އިލެކްޝަންސް ކޮމިޝަނުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއެވެ.