ކުޅިވަރު

ސްކޫލުތަކުގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހުރަވީ، އިސްކަންދަރު އަދި ޣިޔާސުއްދީނަށް


ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި 25 ވަނަ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މުބާރާތް މި އަހަރު ކުރިއަށްދިޔައީ ތިން އުމުރުފުރައަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ފައިނަލް މެޗުތައް މިއަދު ކުރިއަށްދިޔައިރު، ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުރަވީ ސްކޫލުންނެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި 32-24 އިން ކަލާފާނު ސްކޫލް ބަލިކޮށްގެންނެވެ. މި އުމުރުފުރާގެ ކުއީން އޮފް ދަ ސީރީސްގެ މަގާމަށް ހޮވުނީ ހުރަވީ ސްކޫލުގެ އާމިނަތު ތޫގާ ހުސައިންއެވެ.

15 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދިއިރު، އެ ސްކޫލުން ވަނީ ފައިނަލް މެޗުގައި ޣިޔާސިއްދީން އިންޓަރނޭޝަނަލް ސްކޫލުގެ މައްޗަށް 24-21 އިން ކުރި ހޯދާފައެވެ. މި އުމުރުފުރާގެ ކުއީން އޮފް ދަ ސީރީސްގެ މަގާމަށް ހޮވުނީ އިސްކަންދަރު ސްކޫލުގެ އައިޝަތު މަލީކާ ޒަމީރެވެ.


މީގެ އިތުރުން 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ޣިޔާސިއްދީނުން ހޯދީ ފައިނަލުގައި 64-43 އިން އިސްކަންދަރު ސްކޫލް ބަލިކުރުމަށްފަހުއެވެ. މި އުމުރުފުރާގެ ކުއީން އޮފް ދަ ސީރީސްގެ މަގާމަށް ހޮވުނީ ޣީޔާސުއްދީނުގެ ޝިބާ ހުސައިން ސުހައިލްއެވެ.

ނިންމުމުގެ ރަސްމިއްޔާތަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދެއްވި އިންޓަރވިއުއެއްގައި ނެޓްބޯލް އެސޯސިއޭޝަނުގެ ރައީސާ ފަޒްނާ ޖަލީލް ވިދާޅުވީ މި ފަހަރުގެ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތަކީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ މުބާރާތެއް ކަމަށެވެ. އެކަމަކު އެހެން އަހަރުތަކާ ބަލާއިރު، މި ފަހަރުގެ މުބާރާތުގައި ވާދަކުރި ކުޅުންތެރިންގެ ފެންވަރު ދަށް ކަމަށްވެސް ފަޒްނާ ވަނީ ވިދާޅުވެފައެވެ.