ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގާ 6 ކެފޭއެއް ބަންދުކުރަން ނޯޓިސްދީފި


  • މި ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އޮގަސްޓު 22ގައި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސާފުތާހިރުކަމުގެ މިންގަނޑާ ޚިލާފަށް ހިނގާ 6 ކެފޭއެއް ބަންދުކުރަން ނޯޓިސްދީފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އޮގަސްޓު 22 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގަމުންދާ 8 ކެފޭއެއް ޓާސްކްފޯހުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި އެޗްޕީއޭ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބައިވެރިވި ތަންތަން އިންސްޕެކްޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އެގޮތުން ޓާސްކްފޯހުގައި ބައިވެރިވާ އިދާރާތަކުގެ އެހީގައި ޤަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސާފުތާހިރުކަމުގެ މިންގަނޑާއި ޚިލާފަށް ހިންގާ 06 ކެފޭއެއް ބަންދު ކުރުމަށް ނޯޓިސްދީފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ތަންތަނުގައި ސައްޙަ ވިސާ ނެތި މަސައްކަތް ކުރަމުންދިޔަ 04 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.

ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާތަންތަނާއި ރަށްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ކާބޯތަކެތި އުފައްދާތަންތަން ރެއިޑްކޮށް ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސް އެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.