ޚަބަރު

މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ދެ ބިދޭސީއަކަށް އެކިވަރުގެ ގެއްލުންވި


  • ހާދިސާގެ މަޢުލޫމާތު ލިބުނީ މިރޭ 08:43 ގައި

ގަލޮޅު ރަނައުރާވިލާގަ ހުރި ވޯކްޝޮޕެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސުން ހަރަކާތްތެރިވެ ނިއްވާލައިފައިވާ ކަމަށާއި މި ހާދިސާގައި ދެމީހަކަށް އެކިވަރުގެ ގެއްލުންވިކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިރޭ 08:43 ހާއިރު ކަމަށާއި، އެތަނުގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓު ޝޯޓެއްވުމުން ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ގ. ރަނައުރާ ގޭގައި ހިނގަމުންދާ ފަހީމް އިލެކްޓްރޯނިކް ޕްރައިވެޓް ލިމިޓެޑްގައިކަމަށެވެ.

މި ހާދިސާގައި 2 ބިދޭސީއަކަށް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން ބަންގްލަދޭޝް އާއި އިންޑިއާ އަށް ނިސްބަތްވާ ދެ މީހަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާއިރު، އެކެއްގެ ހަށިގަނޑުގެ 6 އިންސައްތަ އަދި ދެން އަނިޔާވި ،މީހާގެ ހަށިގަނޑުގެ 3 އިންސައްތަ ފިހިފައިވާކަމަށެވެ.