ޚަބަރު

ކުންމިންގ ފެއަރއަށް ރާއްޖެއިން ތަކެތި ފޮނުވައިފި


ކުންމިންގ ފެއަރގައި ބައިވެރިކުރުމަށްޓަކައި ރާއްޖެއިން އެގާރަހާހަށް ވުރެ ގިނަ ތަކެތި ޗައިނާއަށް ފޮނުވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިނޮކޮނިމިކް މިނިސްޓްރީން ވިދާޅުވީ ފެއަރގައި ބައިވެރިކުރުމަށް ތަކެތި ފޮނުވާފައިވަނީ ކަނޑުމަގުން ކޮންޓެއިނަރެއްގައި ކަމަށާއި މިމަހުގެ 30 ހާތާގައި ތަކެތި ކުންމިންއަށް ދާނެކަމަށެވެ.

ޗައިނާގެ ކުންމިންގައި އަންނަމަހު ބާއްވާ ކުންމިންގ ފެއަރގެ "ކަންޓްރީ އޮފް އޮނާ"ގެ މަޤާމް ރާއްޖެއަށް ވަނީ ލިބިފައެވެ. އަދި ކުންމިންގ ފެއަރގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާއްޖެއިން ގެންދަނީ ރާއްވަވަމުންނެވެ. މި ގޮތުން ފެއަރ ކުރިއަށްދާއިރު ދިވެހި ކެއުންތަކުގެ ރަހަ ދައްކާލުމަށް ދިވެހި ކެއުންތަކަށް ޙާއްސަ ރެސްޓޯރެންޓެއް ހުންނާނެ ކަމަށާއި ދިވެހި ސަގާފީ ހަރަކާތްތައްވެސް ފެއަރގެ ތެރެއިން ފެނިގެންދާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތަޢުފީޤު ވިދާޅުވިއެވެ.

ރާއްޖެއަށް "ކަންޓްރީ އޮފް އޮނާ" ގެ މަޤާމް ލިބިފައިވުމުން ރާއްޖޭގެ އުފެއްދުންތައް ދައްކާލުމަށް ބޮޑު ޖާގައެއް ވަނީ ލިބިފައެވެ. މިފަހަރުގެ ކުންމިން ފެއަރގައި ރާއްޖެއިން ބައިވެރިވުމަށް ލިބިފައިވާ މި ފުރުޞަތަކީ ދިވެހިންގެ އުފެއްދުންތައް މާރކެޓްކޮށް، އުފައްދާ ތަކެތި އިޝްތިހާރުކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެއްގެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ ފެއަރގައި ބައިވެރިވުމަށް ރާއްޖެއިން ސަތޭކަ ފަސްދޮޅަސް މީހުން ކުންމިންގއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.