ޚަބަރު

ބީއެމްއެލްއިން ޑޮލަރު ލިމިޓްކުރީ ރައީސްގެ އެންގެވުމާ ދެކޮޅަށް: ސަޢީދު


  • ސަޢީދު ވިދާޅުވީ ޒަރޫރީ ޚިދުމަތްތަކަށް ބުރޫއަރާނަމަ ސަރުކާރުން އެކަމަށް ބަސް ބުނާނެކަމަށް

ރައްޔިތުންނަށް ދަތިވާގޮތަށް ބީއެމްއެލްއިން ޑޮލަރު ލިމިޓްކުރަން ނިންމީ ރައީސުލްޖުމްހޫއްރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެންގެވުމަކާއި ޚިލާފަށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މާލީ ޙާލަތާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ބީއެމްއެލްއަކީ ސަރުކާރު ޙިއްސާވާ ކުންފުންޏެއް ނަމަވެސް ކުންފުނީގެ ކޯޕަރޭޓް ނުވަތަ ވިޔަފާރީގެ ނިންމުންތަކުގެ ތެރެއަށް ސަރުކާރުން ނުވަންނާނެކަމަށެވެ.

މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބީއެމްއެލްއިން ވަނީ ނިންމުމެއް ނިންމާފައެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވުމުން ބީއެމްއެލްއިން ވަނީ އެ ނިންމުން ފަހުން ބަދަލުކޮށްފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ޑޮލަރުގެ މައްސަލައިގަައި މިހާރު ދިމާވެގެން މައްސަލައިގައި ސަރުކާރުން ބަސް ބުނަން ނިންމީ، މި ނިންމުމަކީ ދިވެހި އެތައް ރައްޔިތަކަށް އޭގެ ސީދާ ގެއްލުންތަކާ ކުރިމަތިވާނެ ކަމަކަށްވާތީކަމަށެވެ. ސަޢީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނާއި އަދި ރާއްޖޭގައި ކުދި ވިޔަފާރިތައް ކުރާ ގިނަ ބަޔަކު ޑޮލަރުން މުޢާމަލާތްކުރާއިރު، އެ ފަރާތްތަކަށް ގެއްލުންވާނެ ޙާލަތެއް ސަރުކާރުން ކުރިމަތިވިޔަ ނުދޭނެކަމަށެވެ.

"ކޯޕަރޭޓް ގަވަނަންސްއިން ސަރުކާރު ކުންފުނިތައް ހިންގުމުގައި ސަރުކާރުގެ ނުފޫޒެއް ނޯންނާނެ. ނަމަވެސް ރާއްޖެއަށް ކާޑާ ތެޔޮ ގެނައުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް، ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެ މީހުންގެ ޚިދުމަތްތަކަށް ހިޔަނި އެޅޭ ނިންމުންތަކުގައި ސަރުކާރުން އެކަމުގައި ބަސް ބުނާނަން. ބީއެމްއެލްއާއި އެމްއެމްއޭއާއި ދެމެދު މިދަނީ މުޢާމަލާތްކުރަމުން." އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައްޔިތުންނަށް ދަތިވާގޮތަށް ބީއެމްއެލްއިން ޑޮލަރު ލިމިޓްކުރަން ނިންމީ ރައީސްގެ އެންގެވުމާއި ޚިލާފަށްކަމަށެވެ.

"ބީއެމްއެލްގެ އެ ނިންމުމަކީ ސީދާ ރައީސްގެ އެންގެވުމާ ދެކޮޅަށް ނިންމި ނިންމުމެއް. އެތަށް ދަރިވަރުންނާ ވިޔަފާރިތަކަށް އޭގެ ގެއްލުން ކުރިމަތިވާނެ ނިންމުމެއް." އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއަށް އަހަރަކު ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރުގެ ޑިމާންޑެއް އޮންނަކަމަށެވެ. އަދި މަޖިލީހުން މިހާރު ފާސްކޮށްފައިވާ ފޮރިން އިންވެސްޓްމަންޓްގެ ބިލާއެކު މިނިވަން ވިޔަފާރީގެ ތެރެއަށް ރާއްޖެއަށް ވަދެވޭނެކަމަށާއި އެކަމުގެ ސަބަބުން ބޭރު ފައިސާގެ ޑިމާންޑުވެސް ތިރިކުރެވޭނެކަމަށެވެ.